މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ ހަމަނުޖެހުން ރޭވިކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

Jul 27, 2022
1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވާ ހަމަނުޖެހުންތައް ހިންގުމަށް ރޭވުމުގައި ތުހުމަތުކުރެވޭ އިސް މީހަކު ހައްޔަރުކޮށްފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން ބޭއްވި ހަރަކާތް ދަނޑުގައި ކުރިއަށް ދަނިކޮށް އެ ދުވަހު ބަޔަކު ވަނީ ދަނޑަށް ވަދެގަނެ އެ ހަރަކާތް ހުއްޓުވާ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި އެތަނުގައި ތިބި ބައެއް މީހުންނަށް ތަފާތު އިންޒާރުތައްވެސް ދީފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ހަމަނުޖެހުންތައް ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މުހައްމަދު ފައިސަލް ކިޔާ މީހެކެވެ.

އޭނާ މިއަދު ހައްޔަރުކުރި ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި ނަމަވެސް މިހާރު ބައެއް މީހުން ވަނީ ދޫކޮށްލާފަ އެވެ.

މައްސަލައިގެ ތުހުމަތުގައި މިހާރު ބަންދުގައި ތިބި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ހިމެނެ އެވެ.

ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުންތައް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި އެންމެންނަކީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ އެކަމުގައި ބައިވެރިވި މީހުންނަށް ނުވާތީ އެފަދަ މީހުން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.