ރައީސް މައުމޫން އަބްދުލްގައްޔޫމް

ޔޯގާ ހަރާމު ނުވާ ސަބަބު މައުމޫން ވިދާޅުވެދެއްވައިފި

ޔޯގާ އަދި ލަވަޔާ މިއުޒިކް ފަދަ ކަންކަމަކީ ހަރާމު ކަންކަމޭ ބުނެވެން ނެތް ސަބަބުތައް ގުރުއާނުގެ އަލީގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެ ދެއްވައިފި އެވެ.

ޔޯގާ ކުރުމުގެ ހުކުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވެ އެވެ. އެކަމާ ގުޅިގެން ކީރިތި ގުރުއާނުގެ ދަލީލުތަކާއެކު ރައީސް މައުމޫން ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ހުކުމް ކަނޑައަޅާފައިވާ ކަންކަން ކީރިތި ގުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވާ ކަމަށެވެ.

އެކަންކަމަކީ މުޅިން މަނާ ކަމެއްކަން ކީރިތި ގުރުއާނުން އެނގެން އޮންނައިރު، އެކަމެއް ނުކުރުމަށް ނުވަތަ އެކަމަކުން ދުރުހެލިވުމަށް މާތްﷲ އަންގަވާފައިވާ އެންގެވުމާ ގުޅިގެން އެކަމަކީ ފާފައެއް ކަމުގައި ނުވަތަ ޝައިތާނާގެ އަމަލެއް ކަމުގައި އަންގަވާފައިވާ ކަންކަމަކީ މަނާ ކަންކަން ކަމުގައި މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އަދި އެކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވައިފައިވާ ކަމުގައި މާތްﷲ އަންގަވާ އެންގެވުގައި އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެނަމަ އެއީ ވަރަށް ވަރުގަދަ ގަރީނާއެއް ކަން މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ. އެކަމަށް މިސާލު ދެއްވާފައި ވަނީ ރާ ބުއިމާއި ޖުވާ ކުޅުމާއި އަޅުކަން ކުރާ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިން މުޑުދާރު ތަކެތި ކަމަށް ގުރުއާނުގައި އަލްމާއިދަތު ސޫރަތުގެ 90 ވަނަ އާޔަތުގައި ކަނޑައަޅުއްވާފައިވާ ދަލީލަށެވެ.

"މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމު ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ. މީގެ މާނައަކީ އަލަށް އުފެދޭ މުއާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެކަމަކީ ހަރާމު ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވެފައި ވަނީ ދިރިއުޅުން ތަރައްގީވެ، އިންސާނާ ހަރަކާތްތެރިވާ މައިދާންތައް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަނަވަސްވެގެން ދިއުމަކީ ކަން ވަމުންދާ ގޮތް ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ކަމަކީ ހަރާމް ކަމެކޭ ބުނެވޭނީ މާތްﷲގެ ދަލީލުތަކުގެ ތެރެއިން ދަލީލަކުން އެއީ ހަރާމު ކަމެއްކަން ސާބިތުވާން އޮތްނަމަ އެ ހާލަތުގައި ކަމަށެވެ. އެގޮތުގެ މަތިން އިސްލާމްދީނުގެ އުސޫލުތަކަށް ފުށުނާރާ ގޮތަށް ޔޯގާ ހެދުމާއި، ލަވަޔާއި މިއުޒިކް އަދި އުފަން ދުވަސް ފާހަގަކުރުން ފަދަ ކަންކަމަކީ ހަރާމު ކަމެކޭ ބުނެވެން ނެތް ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

"އެހެންކަމުން ގައުމީ ނުވަތަ އިޖުތިމާއީ މުނާސަބާތައް ފާހަގަކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމުދީނުގެ އުސޫލުތަކާ ފުށުނާރާ ގޮތެއްގެ މަތިން، ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި، ލަވަ ކިޔުމާއި މިއުޒިކު ކުޅުން ފަދަ ކަންކަމަކީ ވެސް ހަރާމު ކަންކަމޭ ބުނެވޭނެ ތަނެއް ނެތް،" މައުމޫން ވިދާޅުވެފައިވެ އެވެ.

މީގެ ތެރެއިން އެއްވެސް ކަމެއްގައި ހަރާމު ކަމެއް އެކުލެވޭނަމަ ނުވަތަ އެކަމަކީ ހަރާމު ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށްވާނަމަ އެކަމެއް ހަރާމުވެގެން ވާނެކަން ޔަގީން ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ.

މައުމޫން ވަނީ މީގެ ކުރިންވެސް ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ އެއީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.