އިސްލާމިކް ޔުނިވާސިޓީ

ކީރިތި ގުރްއާނާބެހޭ މަހްފިލެއް ބާއްްވައިފި

އިސްލާމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ކީރިތި ގުރްއާނާބެހޭ މަހްފިލެއް ބާއްވައިފި އެވެ.

އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި މި މަހްފިލްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

މަހްފިލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިފާޅުވީ އަޑުހަރުކޮށް ގުރްއާން ކިޔަވާއިރު ވީހާ ރީތިކޮށް ކިޔެވުމަކީ ގުރްއާނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމް ފެނިގެންދާ ކަމެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މާތް ﷲ ކީރިތި ގުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައި ކަމަށާ ޖިބްރީލް އަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ގުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަސްހާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީ ކަމަށެވެ. އަދި ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވުނީ، ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އޭގެފަހުން ކަން ފާހަގަ ކުރެއްވިއެވެ.

ތަޖުވީދު އިލްމުގެ ހަމަތަކާއި އުސޫލުތައް ނެގިފައި ވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ގުރްއާން ކިޔަވާވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގުރްއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ގުރްއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ގުރްއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަގާމުތައް އިލްމުވެރިންނާއި ގާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ ވާހަކަފުޅުގައި، އިސްލާމީ ޔުނިވާސިޓީގެ ބާނީއަކީ ރައީސް މައުމޫން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމީ ތައުލީމު ފެތުރުމުގެ މޭސްތިރިއަކީވެސް ރައީސް މައުމޫން ކަން ފާހަގަކުރައްވާ އެމަނިކުފާނު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ބޭއްވެވި ކީރިތި ގުރްއާނާބެހޭ މަހްފިލުގައި މިސްރުގެ މަޝްހޫރު ގާރީ ޑރ. އަހްމަދު ނުއައިނައުވެސް ކީރިތި ގުރްއާން ކިޔަވާ ވިދާޅުވިއެވެ. އަދި ގުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން އަގުހުރި މައުލޫމާތުތަކެއް ހިއްސާ ކުރެއްވި އެވެ.