ޓޫރިޒަމް

ޔުނިވާސަލްގެ ދެ ރިސޯޓު ގަތީ އެމެރިކާގެ ކުންފުންޏަކުން

Jul 28, 2022
1

ރާއްޖޭގައި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި -- ޔުނިވާސަލްގެ ހިއްސާ އޮތް ދެ ރިސޯޓް ވިއްކާލުމަށް ހުޅުވާލުމުން ގަނެފައިވަނީ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމް -- ކޭއެސްއެލް ކެޕިޓަލް އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޭއެސްއެލް އިން ގަތީ ކ. ފުރަނަފުށީގައި ފުލްމޫންގެ ނަމުގައި ހިންގާ ރިސޯޓާއި، އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސްގެ ނަމުގައި ހިންގާ ރިސޯޓެވެ.

މިދިޔަ މަހު ވިއްކާލަން އިއުލާން ކުރި ދެ ރިސޯޓަކީ ޔުނިވާސަލްގެ އިތުރުން ބޭރުގެ ކުންފުންޏެއް ކަމުގައިވާ ސްޓާވުޑްގެ ހިއްސާ އޮތް ދެ ރިސޯޓެވެ.

މި ދެ ރަށް ވިއްކާލުމަށް ޔުނިވާސަލްއަށް ބްރޯކަރެއްގެ ދައުރު އަދާކޮށްދިނީ އިންވެސްޓްމަންޓް އެޑްވައިޒަރު، ޖޭއެލްއެލް ކުންފުނިންނެވެ.

މި ދެ ރަށް ބޭރުގެ އަމިއްލަ އިންވެސްޓަރަކަށް ވިއްކާލާފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު ޖޭއެލްއެލް އިން އިއުލާން ކުރި ނަމަވެސް ދެ ރަަށް ގަނެފައިވާ ކުންފުނީގެ ނަމާއި ވިއްކާލި އަގު ހާމަކޮށްފައެއް ނުވެ އެވެ.

ކޭއެސްއެލް ކުންފުނިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދެ ރަށް ގަތީ އެ ކުންފުންޏާ ގުޅިފައިވާ ކުންފުންޏަކުން ކަމަށެވެ. އެކަމަކު ދެ ރަށް ގަނެފައިވާ އަގު ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާގައ އެންމެ މަގުބޫލު މަންޒިލްކަން ފާހަގަކޮށް ކޭއެސްއެލްގެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން ގަނެފައިވާ ފުލްމޫން އާއި ޑަބްލިއު މޯލްޑިވްސް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ މި ދެ ރަށް ކުރިންވެސް ހިންގިިި މެރިއޮޓްގެ މެނޭޖްމަންޓުގެ ދަށުން ކަމަށެވެ.

ކޭއެސްއެލް ކެޕިޓަލް އިން މީގެކުރިން ވަނީ ގދ. އަތޮޅުގައި ހިންގާ ކޮނޮއްޓާ ރިސޯޓް ވެސް ގަނެފަ އެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގައި ހިންގާ ސޮނޭވާ ޖާނީ އާއި ސޮނޭވާ ފުށި ހިންގާ ކުންފުނި -- ސޮނޭވާ ގްރޫޕުގެ މައިނޮރިޓީ ޝެއާ ވެސް ގަނެ ރާއްޖޭގައި ކުރާ ވިޔަފާރި ފުޅާކޮށްފަ އެވެ.