މުހައްމަދު އުމަރު މަނިކު

"ދިވެހި ޓޫރިޒަމް ޕްރޮޑަކްޓަކަށް ހެދި މީހުނަށް ސެލިއުޓު ކުރަަންޖެހޭ"

ދިވެހި ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށް ހުއްޓާ ނުލާ ކުރިޔަށް ގެންގޮސް އެންމެ މަތީފެންވަރުގެ ޕްރޮޑަކްޓަކަށް ހަދައިދިން ހުރިހާ ފަރާތްތަކަށް ސެލިއުޓު ކުރަންޖެހޭ ކަމަށް ވިޔަފާރިވެރިޔާ އަދި މަޓީގެ ޗެއާމަން އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ ފަސް ވަނަ މާސްޓާޕްލޭން އެކުލަވައިލަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސްކޮށް އުޅުއްވެވި އަދި ރާއްޖޭގެ ފުރަތަމަ ރިސޯޓުގެ ވެރިޔާ މަނިކު ވިދާޅުވީ، ޓޫރިޒަމް ފެށި އިރު، ރާއްޖެއަށް އޭރު އެންމެ އުނދަގޫ ކަމަކަށް ވެފައި އޮތީ ފޮރިން އެކްސްޗޭންޖު ނުވަތަ ބޭރު ފައިސާ ލިބުން ކަމަށާއި، އޭރުގެ ޖީޑީޕީއަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ.

ޓުރިޒަމާއެކީ ބޭރު ފައިސާ ރާއްޖެއަށް ވަންނަން ފެށި ކަމަށާއި، އޭރު ރޫމް ރޭޓް 20 ޑޮރަލުގައި އުޅުނު ކަމުގައިވީ ނަމަވެސް، އެދުވަސްވަރު ޓޫރިޒަމްގައި އުޅުނު އެންމެންގެ ވެސް އަޒުމަކަށްވީ އެކަން ރަނގަޅަށް ކުރުން ކަމަށެވެ. އަދި ފުރަތަމަ ތަޖުރިބާ ހޯދައި ދަސްކުރަން ފެށީ ސްރީ ލަންކާއިން ކަމަށާއި، އޭރު ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ މަތިންދާބޯޓެއްގައި "ޑޭ ޓްރިޕަކަށް" އެކަނި ކަމަށެވެ.

މަނިކު ވިދާޅުވީ، ފެށިތާ 10 އަހަރު ތެރޭ ޓުއަރިޒަމް އިންޑަސްޓްރީ ކުރިޔަށް ގެންދަން ޖެހޭ މިސްރާބު އެނގުނު ކަމަށާއި، އެކަން ހުއްޓާނުލާ ކުރިޔަށް ގެންދިޔަ ހުރިހާ ފަރާތްތަކަށް ދިވެހި ރާއްޖެއިން ސެލިއުޓު ކުރަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ ޓޫރިސްޓަކަށް ވެސް އެނދު ހުންނާނެ ކަމަށާއި، ކޮންމެ ބައެއްގެ ފެންވަރުން ވެސް އެބަޔަކަށް ލިބޭނެ އެނދު ރާއްޖޭގައި މިހާރު ހުންނާނެ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފެށުމަކީ ރިވޮލިއުޝަންއެއް ކަމަށް ވެސް މަނިކު މިރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ޓޫރިޒަމަށް "ޕޮލިޓިކަލް ގުޑް ވިލް" އެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޓޫރިޒަމްގެ މާސްޓާޕްލޭނަކީ ކޮންމެހެންވެސް ހަދަން ޖެހޭ އަދިވެސް ހުއްޓާ ނުކައި ރިވިއު ކުޔރަންޖެހޭ ޕްރޯސެސް އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.