މޯލްޑިވްސް ޕޮލިސް ސާވިސް

އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރަން ފަށައިފި

Jul 28, 2022
2

އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފަށައިފި އެވެ.

ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދާ އަބްދުއްރަހްމާން ރަފީއު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މިމައްސަލައިގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމު އަބްދުއްސައްތާރު ހައްޔަރުކުރުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި ހުރިހާ މީހުން ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވާ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާ އިން ވަނީ އަބްދުއްރަހްމާން ރަފީއު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ ފުލުހުންގެ އެތެރޭގެ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ވެސް ދަނީ ބަލަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކާނަލް ނަޝީދު ހައްޔަރުކޮށްފައިވީ ނަމަވެސް މީގެކުރިން އޭނާއާ ތަހުގީގުގައި ސުވާލުކޮށްފައި ނުވާ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ގާނޫނީ ވަކީލް ނާޒިމު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާއާ މީގެކުރިން ސުވާލުކޮށްފައިވެ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް ކިޔާ ފިރިހެނަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ 40 އަށް ވުރެ ގިނަ ދިވެހިން ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެތެރޭގައި ސިޔާސީ ބޭފުޅުންނާއި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެ އެވެ.

މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ އޭނާއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.