މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ކުޑަކުދިންނަށް ހާއްސަކޮށްގެން ހާފްވޭ ހައުސްއެއްގެ ބިންގާ އަޅައިފި

Jul 29, 2022

ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ތަފާތު ހަރަކާތްތައް ހިންގުމަށް ބޭނުންވާ ހާފްވޭ ހައުސްއެއް ހއ. ހޯރަފުށީގައި އެޅުމަށް ނިންމާ އެ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއާއި ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.

މިރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައި އޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ ހޯރަފުށީގައި ގާއިމުކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކުރާ ހާފްވޭ ހައުސް ނިންމަން ދީފައިވަނީ 150 ދުވަހެވެ.

ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބޭތިއްބުމަށް ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާ މަރުކަޒެކެވެ. މިފަދަ މަރުކަޒުތަކުގައި ތިބޭ ކުދިން މުޖުތަމައަށް އަނބުރާ ނެރުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ އެވެ.