އިމްރާން އަބްދުﷲ

ގައުމުގައި ހަމަޖެހުން އޮންނާނީ ގާނޫނީ ނިޒާމު ފުރިހަމަވެގެން: އިމްރާން

Jul 29, 2022
1

ގައުމެއްގައި އަމަންއަމާންކަމާއި ހަމަޖެހުމާއި މަސްލަހަތު ގާއިމުވެގެންދާނީ އެގައުމެއްގެ ޝަރުއީ އަދި ގާނޫނީ ނިޒާމު ފުރިހަމަވެގެން ކަމުގައި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ގާއިމުކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު އެ މުޖުތަމައެއް ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ފުރިހަމަ އަދި އެންމެން ޝާމިލްވާ ގާނޫނެއް އޮތުން ކަމަށާއި އެއަށްފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނު ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އަދި އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން، އަހުލުވެރިވެ ހަރުދަނާވާންޖެހޭ ކަމަށާއި އޭރުން ގައުމު ކުރިއަރައި، ރައްޔިތުންނަށް ރަނގަޅު މަގުދައްކައިދޭ ތަންތަނަށް ވެގެންދާ ކަމުގައި ވިދާޅުވި އެވެ.

"ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ، ހަމަޖެހުމާ މަސްލަހަތު ގާއިމުވެ، ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމައު ބިނާކުރެވިފައިވާ ޝަރުއީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކަށް ބަހާލައިގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ހޯރަފުށީގައި އަޅާ ހާފްވޭ ހައުސްގެ މަސައްކަތަކީ ހަތަރުވަނަ މަރުހަލާގައި ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާ ހަމައަށް ދަނީ ވަރަށް ގިނަ ކަންކަން ފެއިލްވުމުން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުއީ ގާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ ތިން ކަމެއް ފުރިހަމައަށް އަދާ ނުކުރެވުމުން ކަމަށެވެ.

"އެގޮތުން ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުރޭ. އިންސާނާ އޭނާގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖިއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި އެ ދިޔައީ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެ ފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.