ކުށެއް ކުރާ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށާއި، އެކަމުގެ ހައްލަކީ ފުލުހުންނާއި، ކައުންސިލްތަކާއި މުޖުތަމައުގެ އެންމެން ގުޅިގެން ކުށްތަކަށް ހުޅުވިފައި ހުރި ދޮރުތައް ނެތިކޮށްލުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނ. ކުޑަފަރި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު އިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވީ ފުލުހުން ތިބެ ހައްޔަރުކޮށްގެން, އަދަބުދީގެން ކުށް ހުއްޓުވުމުގެ ސަގާފަތް ނޫން ކަމަށެވެ. އެއަށްވުރެ ބޮޑަށް ރީތި އާދަކާދަތަކާއި, އަހުލާގާއި, މަތިވެރި ސިފަތައް ބޭނުންކޮށްގެން ކުށްތަކުން މީހުން ދުރުކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ކޮންމެ ރަށެއްގައި، ރައްޔިތުންނާ އެންމެ ގާތުން އަދި ރައްޔިތުންނާ އެކުއެކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
"ރަށެއްގައި އަމަން އަމާންކަން ގާއިމުކުރެވި, ސުލްހަ މަސަލަސްކަމާއި, ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ އަދި އެނަތީޖާއަށް ވާސިލްވެވޭނެ ކަމެއް ނޫން. ފުލުހުންނަކީ ފުލުހުންގެ ފަރާތުން ގާނޫނު ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ މުހިއްމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިއްމު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭ ބައެއް. އެވިސްނުމުގެ ތެރެއިން މިއަދު ފުލުހުންގެ ހިދުމަތް ތަރުތީބުކުރެވި ބައްޓަންކުރެވިފައި މިވަނީ އަވަށްޓެރި ފުލުހުންގެ ވިސްނުމުގެ ނުވަތަ ފަލްސަފާގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި ހިންގާ ކޮންމެ ކުށެއްގެ ފަހަތުގައި އޮތީ މަސްތުވާތަކެތި ކަމަށާއި މިކަމުން އަރައިގަތުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޑްރަގުގެ މައްސަލައަކީ ރާއްޖޭގައި ބައިގަރުނުވެފައިވާ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ މައްސަލައިން އަރައިގަތުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާ މިދިޔަ ދުވަސްތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަދަދުން ހާމަވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ޖަލުގެ ތެރޭގައި ރިހިބިލިޓޭޓް ކޮށްގެން ނެރޭ އެންމެ ފުރަތަމަ ބެޗާ ހަމައަށް އަޅުގަނޑުމެން އެބަ ދަތުރުކުރަން،" އިމްރާން ވިދާޅުވި އެވެ.