އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން ނޫނީ އިގްތިސޯދީ ދުވެލި އަވަސް ކުރެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެެވެ.
ތ. ބުރުނީގައި އިއްޔެ އިމްރާން ވިދާޅުވީ އިގްތިސޯދީ ދުވެލި ހަރުދަނާ ކުރުމަށާއި އަަވަސް ކުރުމަށް އިގްތިސޯދީ ގޮތުން ކުރަން ހުރި ގިނަ މަސައްކަތްތައް ހޯދައި ބަލައި އެކަންކަން ސަރުކާރުން ކުރާ ކަމަށެވެ. އެ މަސައްކަތުގެ ނަފާ ފުރިހަމައަށް ލިބިގަތުމަށް ކުރެވޭ މަސައްކަތަށް އެންމެ މުހިއްމު އެއް ކަމަކަށް ވެގެންދާނީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ރަށެއްގައި ފުލުހުން ގާއިމު ކުރެވުމާއެކު، އަމާން ރައްކާތެރި މުޖުތަމައެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ބިންގާ އެޅި މަސައްކަތް ފެށިގެންދިޔައީ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެފަހުގައި ފުލުހުންގެ ހިދުމަތް ފުރިހަމަވެ ނަތީޖާއަކާ ހަމައަށް ދެވޭނީ އެރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން ވެސް އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ނަތީޖާ ނުފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ހަމައެއާއެކު މުއައްސަސާތަކުގެ ވިސްނުން ބައްޓަންކުރަންވީ ރަށުގެ އަމާންކަން ގާއިމުކުރުމަށާއި ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ފުލުހުންނާއެކު މަސައްކަތްކޮށް، ގާތް ގުޅުމެއް ބާއްވައި އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ގާއިމްކުރުމަށް،" އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު މިވެރިކަމުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ރަށްތައް އަމާންކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ފުލުހުންގެ އިދާރާ އިން މައުލޫމާތުދޭ ގޮތުގައި ފުލުހުންގެ ހިދުމަތް ގާއިމުނުވެ މިހާރު އޮތީ ނިސްބަތުން މަދު ރަށެކެވެ. އެހެންކަމުން ފުލުހުންގެ ހިދުމަތް ހުރިހާ ރަށަކު ގާއިމުކުރެވުމާ އެކު ފުލުހުން އިސްކަންދޭ ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފުލުސް އޮފީހުން ބުނެފައިވެ އެވެ.