އެސްޓީއޯ

ދެވަނަ ކުއާޓަރު: އެސްޓީއޯގެ ފައިދާ ހަތަރު ގުނަ އިތުރު

Jul 30, 2022

އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބުނު އަދަދު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު ވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 149 މިލިއަން ރުފިޔާގެ ފައިދާ އެކެވެ. އެހެންވެ މިއީ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 176 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން ދެވަނަ ކުއާޓަރުގައި 4.4 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 4.9 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދާފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކޮށްފައިވަނީ 3.5 ބިލިއަން ރުފިޔާގެ ވިޔަފާރިއެކެވެ. އަދި ލިބިފައިވަނީ ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

"އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން މިދިޔަ ވިއްކި ތެލުގެ އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވުމެވެ،" އެސްޓީއޯ އިން ބުނެފައިވެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 457 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބުނީ 468 މިލިއަން ރުފިޔާ އެވެ. މިއީ 11 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.