ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅު ކުރިއަށް ގެންދަވާނީ މިއަދުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމާއި ނިއުދިއްލީ އާއި މުމްބާއީގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވެސް ހަމަޖައްސާފައިވެ އެވެ.
ރައީސް ސޯލިހް މުމްބާއީ އަށް ކުރައްވާ ޒިޔާރަތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވަނީ ވެސް ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ނޮވެމްބަރު 17، 2018ގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭގެފަހުން ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްފަހު މޯދީ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް ރާއްޖެ އަށެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ނަމަވެސް މިގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަންކަން އިންޑިއާ އިން ކުރަމުންދާ ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.