ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގެންފި

Aug 1, 2022
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިއަދު މެންދުރު އިންޑިއާއަށް ވަޑައިގަތުމުން ނިއުދިއްލީގެ ޕާލަމްގައި ހުންނަ ރިސެޕްޓޯރިއަމް އެއާފޯސް ސްޓޭޝަންގެ ވައިގެ ބަނދަރުން މަރުހަބާ ވިދާޅުވީ އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް ޑރ. ސަންޖީވް ކުމާރު ބަލްޔާން އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

ރައީސް ސޯލިހާއި ދިވެހި ވަފްދުގެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ސަގާފީ ހަރަކާތެއް ހުށަހަޅައިދީފައިވެ އެވެ.

ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅު ކުރިއަށް ގެންދަވާނީ މިއަދުން ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމާއި ނިއުދިއްލީ އާއި މުމްބާއީގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

ރައީސް ސޯލިހް މުމްބާއީ އަށް ކުރައްވާ ޒިޔާރަތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވަނީ ވެސް ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.