ސީރިޔާ

މަދާޔާގެ 40،000 މީހުން ބަނޑަށް ޖެހުމުން ދުނިޔެ ރޮއްވާލާއިފި!

"އަހަރެމެން ކީއްތަކުރީ؟ އަހަރެން ކީއްތަކުރީ! އަހަރެމެންގެ ދަރިން އެ މަރުވަނީ، ބަޑިން ވިޔަސް ޕަރީން ގެނެސްގެން ވިޔަސް އަހަރެމެންނަށް އެހީވޭ،" މިއީ ސީރިއާގެ މަދާޔާ އަވަށުގެ ބައްޕައެއްގެ ހިތުގެ އާދޭހެވެ. ލުބްނާން އާއި ސީރިއާ ގުޅޭ ސަރަހައްދުގައި އޮންނަ މަދާޔާ އަވަށުގެ ވާހަކަ މިހާރު ދަނީ ދުނިޔޭގެ މީޑިއާގައި ފެތުރެމުންނެވެ. އެ އަވަށުގެ މީހުން އުޅެމުންދާ ހާލު ފެނުމުން ދުނިޔޭގައި އިންސާނިއްޔަތުކަން އޮތް މިންވަރު ފެނިގެންދެއެވެ.

މަދާޔާ އަވަށުގެ ބައެއް މީހުން ވަނީ އެމީހުން އުޅެމުންދާ ހާލު ބަޔާންކޮށްދީ ސޯސަލް މީޑިއާއަށް ފޮޓޯތަކާއި ވީޑިއޯތައް ލާފައެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް އެކްޓިވިސްޓުން ވެސް ވަނީ އެމީހުންގެ ހާލު ބަޔާންކޮށްދީފަ އެވެ. އެ ވީޑިއޯތަކާއި ފޮޓޯތައް ފެނުމުން ކޮންމެ މީހެއްގެ ހިތްތައް ވެސް ކަތިލެވިގެންދާނެ އެވެ.

ކާނެ އެއްޗެއް ނެތް، ކައި އުޅުނީ ބުޅަލާއި މީދާ

މަދާޔާ އަވަށް ވަނީ ބަނޑަށް ޖެހިފައެވެ. އެ އަވަށުގެ ރައްޔިތުން އުޅެމުންދާ ހާލު މީޑިއާއަށް ހާމަވެގެން ދިޔައީ އަވަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުންނެވެ. ނަމަވެސް ވަރަށް ފަހުންނެވެ. އެމީހުން އެތައް ވޭނެއް އުފުލިފަހުންނެވެ.

"މިހާރު މި އަވަށުގައި ބުޅަލާއި މީދަލެއް ނޫޅޭނެ، ގަސްތަކުގެ ފަތް ވެސް ވަރަށް މަދުވާނެ، އެ ހަމަ އަހަރެމެން ކެއީ،" ސީރިއާގެ ކުޑަކުދިންތަކެއްގެ ބައްޕަ ބުންޏެވެ.

ކާނެ އެއްޗެއް ނެތުމުން ކައި އުޅުނީ ގެންގުޅުނު ޖަނަވާރުތަކެވެ. ނަމަވެސް އެތަކެތި ވެސް މިހާރު އެ އަވަށުން ވަނީ ހުސްވެފައެވެ. މިހާރު އިތުރަށް ކާނެ އެއްޗެއް ނެތްއިރު ކައްކާނެ ގޭހެއް ވެސް އެ އަވަށުގައި ނެތެވެ. ސިއްހީ ފަރުވާއެއް ހޯދެން ވެސް އެ އަވަށުގައި ނެތެވެ. ކާނެ އެއްޗެއް ނެތުމުން މިހާރު އެ އަވަށު މީހުން ކައި އުޅެނީ ވިނަ އެެވެ.

"ގޭގައި ތިބެނީ މާގިނަ ހަރަކާތެއް ނުކުރަން، ކޮންމެހެން ކުރަންޖެހޭ ހަރަކާތެއް ކުރަނީ، ބޭކާރަށް އެއްވެސް ހަކަތައެއް ދުއްވާލަން ބޭނުމެއް ނޫން، ހަކަތައެއް ލިބޭނެ ގޮތެއް ނެތް،" މަދާޔާ އަވަށުގެ ރައްޔިތަކު ބުނެފައިވެއެވެ.

ކުޑަކުދިންގެ ވީޑިއޯތަކާއި ފޮޓޯތައް، ހިތްތައް ކަތިލާ

"އެ ރޮނީ ލޮނާއި ފެން ބޯން ޖެހޭތީ،" ކުޑަ ކުއްޖެއް ރޮމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްގައި މީހަކު ބުނާ އަޑުއިވެއެވެ. މަދާޔާ އަވަށުގެ ކުޑަކުދިންގެ ގިނަ ފޮޓޯތަކަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯތައް ޝެއާކޮށް އެ ކުދިންނަށް އެހީތެރިވުމަށް ގޮވާލާ ފަރާތްތައް ވެސް ވަނީ ގިނަވެފައެވެ. އަވަށުން މިހާތަނަށް ހަ ކުޑަ ކުއްޖެއް ބަނޑު ހައިހޫނު ކަމުގައި މަރުވެ ގޮސްފައިވެއެވެ.

"އެ ކުދިންނަށް ދޭނެ ކިރެއް ނާދޭ،" ކުޑަ ކުއްޖެއްގެ މަންމަ ބުނެފައިވެއެވެ. އެ އަވަށުގައި ކާނެ ބޯނެ އެއްޗެއް ނެތުމުން، ޅަދަރިންނަށް ގާތުން ކިރު ވެސް ވަނީ ދެވޭ ގޮތް ނުވެފައެވެ. ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅެމުންދާ އެ އަވަށުގައި 300 އެއްހާ ކުޑަކުދިން ދަނީ މަލްނިއުޓްރިޝަންއާ ހަނގުރާމަކުރަމުން ކަމަށް އިނގިރޭސިވިލާތުގެ މޮނިޓަރިން ގުރޫޕަކުން ބުނެއެވެ.

އަވަށަށް އެހީތެރިވުމަށް ވަނުމަށް ވަނީ ހުއްދަދީފަ

މަދާޔާ އަވަށުގެ ވާހަކަތައް ދުނިޔޭގެ މީޑިއާގައި ފެތުރިގަތުމުން ސީރިއާގެ ސަރުކާރުން ވަނީ އިންސާނިއްޔަތަށް މަސައްކަތްކުރާ މީހުން ވަނީ މަދާޔާ އަވަށަށް ވަނުމުގެ ހުއްދަދީފައެވެ. އެއާއެކު އދ. އިން ވަނީ މީހުން ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

އދ. ގެ ރެފިއުޖީ އެޖެންސީގެ ޗީފް ސްޕޯކްޕާސަން މެލީސާ ފެލެމިން ވިދާޅުވާ ގޮތުގައި ސީރިއާގެ އެތައް ސަތޭކަ ހާސް މީހުންނެއް ދިރިއުޅެމުން ދަނީ މަދާޔާ އަވަށުގެ ރައްޔިތުން ދިރިއުޅެމުންދާ ފަދަ ހާލަތެއްގަ ކަމަށެވެ.

މަދާޔާ އަވަށުގެ ހާލަތު ފެނުމުން ގިނަ ބަޔެއްގެ ހިތްތަކަށް އަސަރުކޮށް، ސޯޝަލް މީޑިއާގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވަމުންދާ އުސޫލުން އަމަލީ ގޮތުން ވެސް މަދާޔާ އަވަށުގެ ރައްޔިތުންނަށް އެހީތެރިވާނެ ބަޔެއްވުމަކީ އެދެވޭ ކަމެކެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުމަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެ ހަމަނުޖެހުންތަކަށް ހައްލެއް އަދިވެސް ވަނީ ނުލިބިއެވެ. މި ހަމަނުޖެހުންތަކުގައި އެ ގައުމުގެ 250،000 އެއްހާ މީހުން މަރުވެފައިވާއިރު އެތައް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް، ރެފިއުޖީންއަށްވެފަ އެވެ.