ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރަން މިމަހު 19ގައި ޖަލްސާއެއް ބާއްވަނީ

Aug 2, 2022
2

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސާފައިވާތީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އިދިކޮޅު ކޯލިޝަންގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ އޮފިޝަލަކު އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

މިޖަލްސާގެ މައިގަނޑު ބޭނުމަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން ގަބޫލުކުރައްވާފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމާއި ރިޔާސީ ޓިކެޓް ހަވާލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންގެ އަސާސީ ގަވައިދާއި އަދި އެ ގަވައިދަށް ގެނެސްފައިވާ ބައެއް ބަދަލުތައް ބައެއް ބޭފުޅުންނަށް ސާފުވެފައި ނުވާތީ އެކަން އޮޅުން ފިލުވައިދިނުމުގެ ބައެއް ކަންކަންވެސް ޖަލްސާގައި ހިނގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖަލްސާ ބާއްވާނީ އަތޮޅު ތެރެއިން ވެސް މާލެއަށް އަންނަން ބޭނުންވާ ބޭފުުޅުންނަށް އާދެވޭ ގޮތަށް ބަލައި ވީހާވެސް ގިނަ ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ކޯލިޝަންގެ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އިދިކޮޅު ކޯލިޝަންގެ ގުޅިފައިވާ ސެނެޓުން ނިންމީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

ޕްރައިމަރީ އަކަށް ނުގޮސް އިދިކޮޅު ކޯލިޝަންގެ ޓިކެޓް ރައީސް ޔާމީނަށް ދިނުމުން ބައެއް ފަރާތްތަކުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ޕްރައިމަރީ އަކަށް ހުޅުވާލި ނަމަވެސް އިދިކޮޅު ކޯލިޝަންގައި ރައީސް ޔާމީނާ ވާދަކުރައްވައިގެން ޓިކެޓް ހޯއްދަވާ ބޭނުންވާ ބޭފުޅަކު ނެތް ކަމަށެވެ. ސަބަބަކީ ގައުމު މިއަދު އޮތް ހާލަތުން އަރައިގަނެ ރަނގަޅު މިސްރާބަކަށް ގައުމު ގެންދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.