ލޯބިވެރިޔާއަށް އަގުބޮޑު ފޯނެއް ދޭހިތުން ފޯނުވިއްކާ ޝޯރޫމަކުން ވައްކަން ކުރި މީހަކު އަތުލައިގެންފި އެވެ. އިންޑިޔާގެ ބެންގަލޫރޫގައި ހުރި ޝޯ ރޫމަކުން ވައްކަން ކުރި މި މީހާ ވަނީ އެއް ރޭ ހަތަރުދަމު އެ ޝޯރޫމްގައި އަންހެނުންނަށް ހާއްސަ ފާހާނާއެއްގެ ތެރޭގައި ފިލާ އޮވެފަ އެވެ.
ޝޯރޫމްގެ މުވައްޒަފުން އެތަން ބަންދުކޮށްފައި ގެޔަށް ދިޔައިރު މީހަކު އެތާ ތެރޭ ފިލާ އޮތް ކަމެއް އެމީހުން ނުދެނެހުއްޓެވެ.
'ދަ ހިންދޫ' ނޫހުގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ފޯނުތަކެއް ވަގަށް ނަގައިގެން ފުލުހުން ހައްޔަރުކުރީ އަބްދުލް މުނާފް ކިޔާ 27 އަހަރުގެ ޒުވާނެކެވެ. މި މީހާ ޝޯ ރޫމްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ފާހާނާގައި ފިލާއޮވެފައި ދަންވަރު ވުމުން ފިހާރަ ތެރެއަށް ނުކުމެ ވަރަށް އަގުބޮޑު މޯބައިލް ފޯނުގެ ހަތް ފޯނު ވަގަށް ނަގައިގެން ގޮސް އަނެއްކާވެސް ފާހާނާގައި ފިލާ އޮތީ އެވެ.
ހެނދުނު މުވައްޒަފުން އައިސް ޝޯރޫމް ހުޅުވައި ފިހާރައަށް މީހުން ވަންނަން ފެށުމުން މަޑުމަޑުން ފާހާނައިން ނުކުމެގެން ބޭސްމަންޓަށް ފައިބައިގެން ދިޔައީ އެވެ. އޭނާ ދިޔައިރު ވަގަށް ނެގި ފޯނުތަކުން ފޯނެއް ބިންމައްޗަށް ވެއްޓިފައި އޮއްވައި ފިހާރައިގެ މުވައްޒަފަކަށް ފެނިފައި ވެއެވެ.
އަދި ފޯނު އެތަނަށް ވެއްޓުނު ގޮތެއް ބެލުމަށް ސީސީޓީވީން ބެލުމުން މީހަކު އަންހެނުންގެ ފާހާނާއިން ނުކުމެގެން ފޯނުތަކެއް ހިފައިގެން ފިހާރައިން ނުކުމެގެން ދާތަން ވަނީ ފެނިފަ އެވެ.
މިމީހާ ވަގަށް ނެގި ފޯނުތަކުގެ ތެރެއިން އެއް ފޯނު ލޯބިވެރިޔާ އަށް ދީފައި އަނެއް ފޯނުތައް އޭނާ އަތުގައި ހުރީ ރައްކާ ކޮށްފަ އެވެ.
ޝޯރޫމުން މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ފޯނުތަކުގެ އައިއެމްއީއައި ނަންބަރުތައް ދީފައި ހުރުމުން މިމީހާ އޭގެން އެއް ފޯނު ހުޅުވާލުމުން ފުލުހުންނަށް އޭނާ އަތުލައިގަނެވުނީ އެވެ.