ލައިފްސްޓައިލް

ބޭންކް ކުނިކަހަން އުޅުނު މީހެއް، މިހާރު އެތާގެ ވެރިއެއް

އިންޑިޔާގެ ޕޫނޭގައި ދިރިއުޅޭ ޕްރަތިކްޝާ ޓޮންޑްވޯކާ އަކީ މީގެ 37 ވަރަކަށް އަހަރު ކުރިން ބެންކެއްގެ ކުނިކަހާ މަސައްކަތު މީހަކަށް އުޅުނު އަންހެނެކެވެ. ނަމަވެސް މިއަދު އޭނާ އަކީ އެ ބެންކުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ. ޕްރަތިކްޝާގެ ހަޔާތުގެ ވާހަކައަކީ ހިތްވަރާއި އަޒުމާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބީ އަށް ވާސިލު ވެވިދާނެކަމުގެ ލާމަސީލު މިސާލެކެވެ.

ޕްރަތިކްޝާ ކައިވެނި ކުރިއިރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. އަދި އުމުރުން 20 އަހަރުގައި ފިރިމީހާ މަރުވެ ޕްރަތިކްޝާ ހުވަފަތް ވިއެވެ. ދެން އޭނާއަށް ޖެހުނީ އާމްދަނީ ހޯދަން މަސައްކަތެއް ހޯދާށެވެ. އޭނާއަށް އެކަށީގެންވާ ތައުލީމެއް ލިބިފައި ނެތުމުން ރަނގަޅު ވަޒީފާއެއް ހޯދަން ދަތިވި އެވެ.

އޭނާއަށް އެންމެ ފަހުން ވަޒީފާއެއް ލިބުނެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ކުނިކަހާ މީހެއްގެ ވަޒީފާ އެވެ. މި ވަޒީފާގައި އުޅެމުން ޕްރަތިކްޝާ ކިޔަވަމުން ގެންދިޔަ އެވެ. ކުނިކަހާ މީހެއްގެ ވަޒީފާ އޭނާ ގަބޫލުކުރީ އާއިލާ ބެލެހެއްޓުމަށް ކޮންމެހެން ވެސް ވަޒީފާއެއް އަދާނުކޮށް ނުވެގެންނެވެ.

ކިޔަވައިގެން ޑިގްރީ ހާސިލުކުރުމަށްފަހު ވެސް ޕްރަތީކްޝާ އިތުރަށް ކިޔެވުމައިގެން ކުރިޔަށް ދިޔަ އެވެ. މި ދުވަސްތަކުގެ ތެރޭގައި ޕްރަތީކްޝާގެ މުރާލިކަމާއި މަސައްކަތަށް ފަރުވާތެރިކަން ބެންކަށް ފާހަގަ ކުރެވި ކުނިކަހާމީހެއްގެ ވަޒީފާއިން ކްލާކެއްގެ ވަޒީފާއަށް ބަދަލު ކުރި އެވެ.

ވަޒީފާގައި އުޅެމުން ތައުލީމު ހާސިލުކުރުން ހުއްޓާނުލާ ކުރިޔަށް ގެންދިއުމުގެ ސަބަބުން ޕްރަތީކްޝާ އަށް ބެންކުން ޕްރޮމޯޝަން ލިބެމުން ދިޔަ އެވެ. އަދި މިހާރު އޭނާއަކީ އެ ބެންކްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ.

ޕްރަތީކްޝާގެ މުރާލިކަމާއި ގާބިލްކަން އަދި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ އަގު ވަޒަންކޮށް އެސްބީއައި އިން ވެސް ވަނީ ފާހަގަކޮށް އޭނާއަށް ޝަރަފުވެރި ޝީލްޑެއް ދީފަ އެވެ.

އެސްބީއައިގައި ޕްރަތީކްޝާ 37 އަހަރު މަސައްކަތް ކޮށްފައި ވެއެވެ. މިހާރު އޭނާ ރިޓަޔަ ކުރަން އޮތީ އެންމެ ދެ އަހަރެވެ. ނަމަވެސް ޕްރަތީކްޝާ ގަބޫލުކުރާ ގޮތުގައި އަދިވެސް އޭނާއަށް ދިގު ރާސްތާއެއް ކަޑައްތުކުރަން އެބައޮތެވެ.