ހަބަރު

ބަންދު ސަލީމް އެމްއޭސީއެލްގެ އެމްޑީކަމުން ވަކިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އެ މަގާމުން ރައީސް މިއަދު ވަކި ކުރައްވައިފި އެވެ.

އޭނާ ވަކި ކުރެއްވި ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ. ބަންދު ސަލީމް އެމްއޭސީއެލްގެ އެމްޑީ ކަމަށް ހަމަޖެއްސެވީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އަދި މި ސަރުކާރަށް އައި ފަހުން ވެސް އޭނާ މަގާމުން ވަކި ނުކޮށް ވަނީ ބަހައްޓައިފަ އެވެ.

ބަންދު ސަލީމް ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަން ކުރައްވައިފަ އެވެ. އޭނާ މަގާމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އޭނާ އެ ވާހަކަތައް ގެންދެވީ ދޮގު ކުރައްވަމުންނެވެ. ސަލީމް ވިދާޅުވި ގޮތުގައި އޭނާ އެ މަގާމުން ވަކި ކުރަން މަސައްކަތް ކުރަނީ އެ ކުންފުނީގެ ބައެކެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ. އެ މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުން ސިންގަޫރު އެއާޕޯޓް ހިންގާ ޗާންގީ އެއާޕޯޓް ވަނީ ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.