އަލިފުށި

އަލިފުށި އެއާޕޯޓްގެ މަސައްކަތް ފަށައިފި

Aug 2, 2022

ރ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އަލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ބިމަކީ އަލިފުށީގެ ބިން ކަމަށެވެ.

"އަލަށް ހިއްކާ ބިން ބިން އަލިފުށީގެ ބިމާ ގުޅާލެވި އަލިފުށީގެ ބިމުގެ ބޮޑުމިން 96 ހެކްޓަރަށް ބަދަލުވެގެންދާނެ." އާޒިމް ވިދާޅުވި އެވެ.

މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އަލިފުށްޓަށް ވައިގެ މަގުން ދަތުރުކުރުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އެހެންކަމުން މިއަދު މިއީ އަލިފުށި ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމުގައި ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 452 މިލިއަން ރުފިޔާ އެވެ.


އަލިފުށި އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު އެއާޕޯޓްގެ ބޭނުމަށް 40.5 ހެކްޓަރުގެ ބިން އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.

އަލިފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، ޓެކްސީވޭއަކާއި، ޓާމިނަލް އިމާރާތަކާއި، ސެކިއުރިޓީ ފެންސާއި، ފަޔާ ސްޓޭޝަނަކާއި އަދި ސާވިސް ރޯޑު ހެދުމަށް ހަމަޖެހިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވަނީ ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަލިފުށީގެ އިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އެއާޕޯޓެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލި އެއާޕޯޓް ހުޅުވުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.