ބޮލީވުޑް

\

އާލިއާ ބަޓް މިދުވަސްވަރު އުޅެނީ އޭނާގެ އާ ފިލްމު "ޑާލިންގްސް" ޕްރޮމޯޓްކުރުމުގަ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން އިންޑިއާގެ ނޫހަކަށް ދާދިފަހުން އާލިއާ ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ވަރަށް ގިނަ މީހުންނަށް ހީވާ ގޮތުގައި އޭނާ ވަރަށް ގަމާރެވެ.

އެއީ މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާ އަލަށް "ކޮފީ ވިތު ކަރަން"ގައި ބައިވެރިވި ފަހަރު އޭރު އިންޑިއާގެ ރައީސަކަށް ހުންނެވި ބޭފުޅެއްގެ ނަން އޭނާއަށް ނުބައިކޮށް ބުނެވިގެން މީހުންނަށް ހީވާން ފެށި އެއްޗެކެވެ.

"ކޮފީ ވިތު ކަރަން"ގެ 2013ގައި ދެއްކި ސީޒަންގައި އިންޑިއާގެ ރައީސްގެ ނަމަކީ ކޮބައިތޯ ކަރަން ޖޯހަރް ސުވާލުކުރުމުން އާލިއާ ބުނަނީ ޕްރިތުވީ ރާޖް ކަމަށެވެ. ނަމަވެސް އޭރު އިންޑިއާގެ ރައީސަކަށް ހުންނެވީ ޕްރަނާބް މުކަރުޖީ އެވެ.

މި އެޕިސޯޑު ދެއްކި ހިސާބުން އާލިއާ އަށް ވަރަށް ގިނަ ބަޔެއްގެ މަލާމާތް ރައްދުވި އެވެ. އަދި ދާދިފަހުން "ކޮފީ ވިތު ކަރަން"ގައި އާލިއާ ބައިވެރިވުމުން ހަމަ މި ސުވާލު ކަރަން އޭނާއާ ކުރުމުން އާލިއާ ވަނީ ރަނގަޅަށް ޖަވާބު ދީފަ އެވެ.

އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދައްކަމުން އާލިއާ ބުނީ "ގަމާރު" ޓެގް އަޅުވައިގެން އޭނާ އުޅޭތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ.

މި ހުރިހާ ދުވަސް ވަންދެން އެކަމާ އެހާ ކަންބޮޑުނުވެ އުޅުނީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އާލިއާ ބުނީ އޭނާއަކީ ވިސްނުންކޮށި މީހެއް ކަމަށް މީހުންނަށް ގަބޫލު ކުރެވޭތީ އެކަމާ ވަރަށް ގަޔާވާ ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް އެކަމާ އަހަރެން ވަރަށް އުފާޥޭ. ސަބަބަކީ އެމީހުން މީމްސްތައް ހަދައިގެން ސޯޝަލް މީޑިއާގައި ދައުރު ކުރުވި ވަރަކަށް އަހަރެންގެ މަޝްހޫރުކަން އިތުރުވަމުންދާތީ. އެއީ އަހަރެންގެ ފިލްމުތައް މީހުންނަށް ކަމުދިއުން ފަދަ ކަމެއް،" އާލިއާ ބުންޏެވެ.