އިސްލާމިކް މިނިސްޓްރީ

އުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލަނީ

ރާއްޖެ އިން އުމްރާގެ އަޅުކަމަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދެވޭނީ އެކަމަށްޓަކައި އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ގެޒެޓްކޮށްފައިވާ އެ އުސޫލުގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ވެރިންނަކީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވެ އެވެ.

މިނިސްޓްރީން ބުނީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ބަންދުކޮށްގެން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް 41 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ކުރިން ހުއްދަ ދީފައިވެ އެވެ.