އަލިފުށި

އަލިފުށި އެއާޕޯޓާ އެކު ލޯކަލް ޓޫރިޒަމް ފުޅާކުރަނީ

ރ. އަލިފުށިި އެއާޕޯޓްގެ މަސައްކަތް ނިމުމާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ފެށުމަށް ނިންމާފައިވާ ކަމަށް އަލިފުށި ކައުންސިލުން ބުނެފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިބްރާހިމް ވިދާޅުވީ އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުން މީގެ އެތައް އަހަރެއް ކުރިން ދެކެމުން ހުވަފެނެއް ކަމަށެވެ.

އެއާޕޯޓް މަޝްރޫއު ފެށުމަކީ ރައްޔިތުންގެ އެތައް އުއްމީދެއް ހާސިލްވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރައްވަމުން އާދަމް ވިދާޅުވީ އެއާޕޯޓް މަޝްރޫއާ އެކު ރަށުގައި ހުރި ގިނަ މައްސަލަތަކަކަށް ވެސް ހައްލުތަކެއް ހޯދޭނެ ކަމަށެވެ.

އާދަމް ވިދާޅުވީ އެއާޕޯޓް މަޝްރޫއާ އެކު އަލިފުށި ރައްޔިތުން ބޭނުންވާ ވަރަށް މުހިއްމު ދެ ކަމަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ވިދާޅުވީ އަލިފުށި އެއާޕޯޓް އެޅުމަށް ހިއްކުމަށް ހަމަޖެހިފައިވާ ބިމާ އެކު އެރަށުގައި ލޯކަލް ޓޫރިޒަމް ފަށަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވީހާވެސް ފުޅާކޮށް ހުޅުވާލެވޭނެ ކަމަށެވެ. ލޯކަލް ޓޫރިޒަމް ފެށުމަށްޓަކައި ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އަލިފުށްޓަކީ ވަރަށް ހުނަރުވެރި ފަންނުވެރި މަސައްކަތްތެރިން ތިބި ރަށެއް. ރަށުގައި ލޯކަލް ޓޫރިޒަމް ފަށައި ފަންނުވެރިކަން އިތުރަށް ފުޅާކުރަންވެސް ބައެއް މީހުން ބޭނުންވޭ،" އާދަމް ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް އާދަމް ވިދާޅުވީ އަލިފުށްޓަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ވެސް އެއާޕޯޓް މަޝްރޫއާ އެކު ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އެއީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމާ އެކު ބޯހިޔާވަހިކަމަށް ގޯތި ދޫކުރުމަށްވެސް ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.

އާދަމް އިތުރަށް ވިދާޅުވީ އަލިފުށި އެއާޕޯޓްގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ ތާރީހަށް ނިންމާނެ ކަމުގެ ޔަގީންކަން އެމްޓީސީސީއާއި ސަރުކާރުން ވެސް ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތާރީހަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 452 މިލިއަން ރުފިޔާ އެވެ.

އަލިފުށި އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު އެއާޕޯޓްގެ ބޭނުމަށް 40.5 ހެކްޓަރުގެ ބިން އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.

އަލިފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، ޓެކްސީވޭއަކާއި، ޓާމިނަލް އިމާރާތަކާއި، ސެކިއުރިޓީ ފެންސާއި، ފަޔާ ސްޓޭޝަނަކާއި އަދި ސާވިސް ރޯޑު ހެދުމަށް ހަމަޖެހިފަ އެވެ.

އަލިފުށީގެ އިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އެއާޕޯޓެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލި އެއާޕޯޓް ހުޅުވުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.