އަލިފުށި

އަލިފުށި އެއާޕޯޓަށް ބިން ހިއްކަން ތައްޔާރުވަނީ

May 23, 2022

ރ. އަލިފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. އެ ކުންފުނިން އިއްޔެ ވަނީ ބިން ހިއްކަން ޖެހޭ ސަރަހައްދު ވަކިކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 452 މިލިއަން ރުފިޔާ އެވެ.

އަލިފުށި އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު އެއާޕޯޓްގެ ބޭނުމަށް 40.5 ހެކްޓަރުގެ ބިން އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް 105 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 480 މީޓަރުގެ ގްރޮއިންއެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.

އަލިފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، ޓެކްސީވޭއަކާއި، ޓާމިނަލް އިމާރާތަކާއި، ސެކިއުރިޓީ ފެންސާއި، ފަޔާ ސްޓޭޝަނަކާއި އަދި ސާވިސް ރޯޑު ހެދުމަށް ހަމަޖެހިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަލިފުށީގެ އިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައި އެއާޕޯޓެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.