އަލިފުށި

އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

އަލިފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް އެރަށު ބިން ހިއްކުން ވެސް ހިމެނެ އެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތަށް 451،615،528.48 ރުފިޔާ ހަރަދުވާނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ. އަދި އަވަސް ތަރައްގީއެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެކުންފުނީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އަލިފުށީގެ އިތުރުން މ. މުލި، ބ. ތުޅާދޫ އަދި ފ. ބިލެއްފަހީގައި އެއާޕޯޓެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ސަރުކާރުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށެވެ.