ހަބަރު

ދީނީ ދެބަސްވުންތައް ހައްލުކޮށް އިލްމުވެރިން ކުރިއެރުވަން ވޯކްޝޮޕެއް ފަށައިފި

ސައުދީ އަރަބިއްޔާގެ ޖަމާއަތެއް ކަމަށްވާ ރާބިތަތުލް އާލަމުލް އިސްލާމިއްޔާ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިމާމުންނާއި ދީނީ އިލްމުވެރިން ކުރިއަރުވައި ރާއްޖޭގެ ދީނީ މައްސަލަތައް ހައްލު ކުރަން ވޯކްޝޮޕެއް ފަށައިފި އެވެ.

ދީނީ އިލްމުވެރިންނަށާއި އިމާމުންނަށް މިއަދު ފެށި ވޯކްޝޮޕުގައި އެކި ކަންކޮޅުން 60 އަށް ވުރެއް ގިނަ އިމާމުން އިލްމުވެރިން ބައިވެރިވި އެވެ. ވޯކްޝޮޕް ކުރިޔަށް ދާނީ ހަ ދުވަހަށެވެ. މިދުވަސްތަކުގައި ރާބިތާ އިން ވަޑައިގެންނެވި ދެ އިލްމުވެރިން ކަމަށްވާ ޑރ. އަލީ އައްޒުގްނާ އާއި ޑރ. އަލީ އަންނަހާރީ ލެކްޗާ ދެއްވާނެ އެވެ.

ވޯކްޝޮޕް ފުށުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ މިއަދު ފެށި ވޯކްޝޮޕަކީ ރާބިތާ އިން އިސްލާމީ އިލްމާއި ޒަމާނީ ފިގުހުގެ ބައެއް މައްސަލަތަކާއި ބެހޭގޮތުން ރާއްޖޭގެ އިލްމު ވެރިން މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފެށި ވޯކްޝޮޕެއް ކަމަށެވެ.

"މި ވޯކްޝޮޕް ގެ ތެރެއިން ދީނީ ދާއިރާގައި މަސައްކަތް ކުރައްވާ އިލްމުވެރިންނަށާއި އިމާމުންނަށް ކީރިތި ގުރުއާނުގެ ތަފްސީރު، ހަދީސް އިލްމުގެ ބައެއް މައުލޫތަކާއި ގުޅޭ ގޮތުން އަދި ޒަމާނީ ފިގުހީ ބައެއް މައްސަލަތަކާއި އިސްލާމީ ސަގާފަތުގެ މައްޗަށް މަޝްރަވާކުރާނެ. މީގެ އިތުރުން ސުންނަތުގައި ހިމެނޭ މުހިންމު ފިލާވަޅުތައް ދަސްކޮށްދީ ރާއްޖޭގައި ހުރި ބައެއް ދީނީ މައްސަލަތަށް ހައްލުކުރަން ބޮޑު އެހީއަކަށް ވެރިވެދޭނެ،" އިބްރާހިމް ވިދާޅުވި އެވެ.