ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ވިޔަފާރީގެ މައި ރަށް -- މުމްބާއީ އަށް މިއަދު ވަޑައިގެންފި އެވެ.
މިއީ ރައީސް ސޯލިހް މިހާރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ފަހު މަންޒިލެވެ.
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅުގައި މުމްބާއީގެ ކުރިން ވަޑައިގެންނެވީ އެ ގައުމުގެ ވެރިރަށް ނިއުދިއްލީ އަށެވެ.
މުމްބާއީ ދަތުރުފުޅުގައި މަހާރަޝްތުރަ ސްޓޭޓްގެ ގަވަރުނަރާ ބައްދަލުކުރެއްވުމުގެ އިތުރުން މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ރައީސް ސޯލިހް ޒިޔާރަތްކުރައްވާނެ އެވެ.
މުމްބާއީގެ ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން މުމްބާއީގައި ބާއްވާ ބިޒްނަސް ފޯރަމަށް ވަޑައިގެން ރައީސް ސޯލިހް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަތީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުން ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.