ތިމާވެށި

ޔޫއެސްއެއިޑުން ތިންލައްކަ ޑޮލަރުގެ އެހީ

Aug 3, 2022

އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެޖެންސީއެއް ކަމަށްވާ ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖެއަށް ތިންލައްކަ ޑޮލަރު ހަދިޔާކޮށްފި އެވެ.

އެހީ ދީފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

ޔޫއެސްއެއިޑުން ދޭ އެހީ ދިނުމަށް ނިންމާފައިވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ވާތީ މިއަދު ވަނީ އެ ދެ ފަރާތާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޔޫއެސްއެއިޑުން މައިގަނޑު ގޮތެއްގައި ރާއްޖެއަށް އެހީ ދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ ގާބިލްކަން އިތުރުކުރުމަށެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އީޖާދީ ގޮތްތައް ހޯދުމަށްވެސް ޔޫއެސްއެއިޑުން ރާއްޖެއަށް އެހީތެރިިކަން ދެއެވެ.

ޔޫއެސްއެއިޑުން ގެންދަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފައިސާގެ ގޮތުގައި މިހާތަނަށް އެ ޖަމިއްޔާ އިން 20 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދީފައިވެ އެވެ.

ޔޫއެސްއެއިޑް އަކީ ދުނިޔޭގެ ގައުމުތަކުގައި ކުރިއަށް ގެންދާ ތަރައްގީގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އެއް އެޖެންސީ އެވެ.