އިންޑިއާގެ މުމްބައިގައި ދިރިއުޅޭ ޔާސްމީން ޝޭޚްގެ މަންމަ ގެއްލުނުތާ 20 އަހަރު ފަހުން ފެނިއްޖެ އެވެ. ޔާސްމީންގެ މަންމަ ހޯދުމުގައި އޭނާއަށް އެހީތެރިވީ ސޯޝަލް މީޑިއާ އެވެ.
ޔާސްމީނަށް އޭނާގެ މަންމަ ފެނިފައިވަނީ ސޯޝަލްމީޑިއާގައި ދައުރުވި ވީޑީއޯ އަކުންނެވެ. އެ ވީޑީއޯ އަކީ ޕާކިސްތާނުގައި ނަގާފައިވާ ވީޑިއޯއެއް ކަމުން މަންމަ ހުރީ ޕާކިސްތާނުގައި ކަން އޭނާއަށް ވަގުތުން ޔަގީންވި އެވެ.
ޔާސްމީންގެ މަންމަ މީގެ 20 އަހަރު ކުރިން އިންޑިއާ އިން ފުރީ ދުބާއީގައި ކައްކާ މީހެއްގެ ވަޒީފާ އަދާ ކުރުމަށް ލިބުނު ފުރުސަތެއްގަ އެވެ. ނަމަވެސް ދުބާއީ އަށް ދިޔަ ގޮތަށް ޔާސްމީނަށް އޭނާގެ މަންމަ ގެއްލުނީ އެވެ. ފާއިތުވި 20 އަހަރު އޭނާ ވަނީ މަންމަ ހޯދަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
"މަންމަ ގެއްލުނުތާ 20 އަހަރު ވީފަހުން އަހަންނަށް މަންމަ ފެނުނީ ސޯޝަލް މީޑީއާގައި ދައުރުވަމުން ދިޔަ ވީޑީއޯ އަކުން. އެ ސޯޝަލް މީޑިއާ އެކައުންޓަކީ ޕާކިސްތާނު މީހަކު ހަދާފައިވާ އެ ގައުމުގެ އެކައުންޓެއް،" އިންޑިއާގެ ނިއުސް އެޖެންސީއަކަށް މައުލޫމާތު ދެމުން ޔާސްމީން ބުންޏެވެ.
ޔާސްމީން ބުނި ގޮތުގައި އޭނާގެ މަންމަ ގަތަރަށް ވެސް ވަރަށް ގިނައިން ގޮސް ދެ އަހަރު ނުވަތަ ހަތަރު އަހަރު ވެސް އެ ގައުމުގައި އުޅެފައިވެ އެވެ. ނަމަވެސް އެޖެންޓެއް މެދުވެރިކޮށް އެންމެ ފަހުން ދުބާއީން ހޯދި ވަޒީފާއަކަށް ދިޔަ ފަހުން އޭނާއަށް މަންމަ ވީނުވީ ތަނެއް ނޭނގި ގެއްލުނީ އެވެ.
ޔާސްމީން ބުނި ގޮތުގައި އޭނާގެ މަންމަ ހާމިދާ ބާނޫ ދުބާއީ އަށް ދިޔައީ ގެއެއްގައި މަސައްކަތްކުރާ ހައުސް މޭޑެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އާއިލާގެ އެއްވެސް މީހަކަށް ހާމިދާގެ ޚަބަރެއް ނުވެ އެވެ.
"މަންމަ ދުބާއީ އަށް ފޮނުވި އެޖެންޓު ކައިރިއަށް ގޮސް އަހަރެމެން ވަރަށް ގިނަ ފަހަރަށް އޭނާއާ ސުވާލުކުރިން. އޭނާ ބުނަނީ މަންމަ މިހާރު ބޭނުމެއް ނުވެޔޭ އާއިލާގެ އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް. މަންމަގެ ހާލު ރަނގަޅު ކަމަށާއި މަންމަ އާއިލާގެ މީހުންނާ ނުގުޅަނީ އެ މީހުންނާ ވާހަކަ ދައްކަން ބޭނުން ނުވާތީ ކަމަށް އެޖެންޓު ބުނަނީ،" ޔާސްމީން ކިޔައިދިނެވެ.
ހާމިދާގެ ކޮއްކޮ ޝާހިދާ ބުނި ގޮތުގައި ވީޑީއޯގައި ފެންނަނީ އޭނާގެ ދައްތަ ހާމިދާކަން އޭނާއަށް ޔަގީން ކުރެވުނީ އެ ވީޑީއޯގައި ހާމިދާ އޭނާގެ ފިރިމީހާގެ ނަމާއި އެއްބަނޑު އެއްބަފާ މީހުންގެ ނަންތައް އަދި ދުބާއީ އަށް ދިއުމުގެ ކުރިން ދިރިއުޅުނު ރަށުގެ ނަން ކިޔާދީފައިވާތީ އެވެ. އެހެން ނޫންނަމަ 20 އަހަރު ވަންދެން ނުފެނި ހުރެފައި ފެނުމުން ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝާހިދާ ބުންޏެވެ.
ޔާސްމީނަށް އޭނާގެ މަންމަ ގަދަވެ ސަލާމަތުން ޕާކިސްތާނުގައި އެބަހުރިކަން މިހާރު ޔަގީނެވެ. ނަމަވެސް އަދިވެސް މަންމައާ ބައްދަލުކުރެވޭނެ ގޮތެއް އަދި ވާހަކަ ދައްކާލެވޭނެ ގޮތެއް އޭނާއަކަށް ނުވެ އެވެ. އަދި މަންމައަށް ޕާކިސްތާނަށް ދެވުނު ގޮތަކާއި އާއިލާއާ ނުގުޅައި އުޅެން ދިމާވި ސަބަބެއް ވެސް ނޭނގެ އެވެ.
މުމްބައީގެ ފުލުހުންނާ ވާހަކަ ދައްކައިގެން މަންމަ ޕާކިސްތާނުން އިންޑިއާ އަށް ގެނެވޭނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށް ޔާސްމީން ބުންޏެވެ.