ލައިފްސްޓައިލް

ފަގީރަކު ކުޑަ ވަގުތުކޮޅަކަށް ބިލިއަނަރަކަށް ވެއްޖެ

އިންޑިއާގެ ކަންނައުޖުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ފަގީރު މީހަކު ކުޑަ ވަގުތުކޮޅަކަށް ބިލިއަނަރަކަށް ވެއްޖެ އެވެ. ނަމަވެސް މުއްސަނދި މަހުޖަނަކަށް ވެގެން އޭނާއަށް ހުރެވުނީ މަދު ގަޑިއިރަކު އެވެ.

އުމުރުން 45 އަހަރުގެ ބިހާރީ ލާލް އެ ދުވަހު ބެންކަށް ދިޔައީ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ މަދު ފައިސާކޮޅުގެ ތެރެއިން 100 ރުޕީސް ނަގާށެވެ.

އޭނާ އެ ފައިސާ ނެގުމުން ފޯނަށް ލިބުނު އެސްއެމްއެސްގައި އޭނާގެ އެކައުންޓްގައި ބާކީ 2،700 ކްރޯޑު ރުޕީސް ހުރި ކަމަށް ލިޔެފައިވެ އެވެ. މި މެސެޖު ކިޔާފައި ބިހާޜީ ލާލް އަށް ލިބުނީ ބޮޑު ޝޮކެކެވެ.

ސަބަބަކީ އޭނާ އަކީ އިމާރާތްކުރާ ތަންތަނުގައި ގާ އުފުލައިދިނުމުގެ މަސައްކަތްކުރާ މީހަކަށް ވެފައި މި މަސައްކަތުން އޭނާއަށް ދުވާލަކު ލިބެނީ އެންމެ 600 ނުވަތަ 800 ވަރަކަށް ރުޕީސް އަށް ވާތީ އެވެ.

"މެސެޖު ލިބުމާއެކު އަހަރެން ވަގުތުން ބެންކުގައި އިން މުވައްޒަފަކު ކައިރީ ބުނިން މަގޭ އެކައުންޓް ރަނގަޅަށް ބަލާދީ ބަލާށޭ. އޭނާ ތިން ފަހަރު މަތިން ބަލާފައި އަހަންނަށް ސްޓޭޓްމަންޓެއްވެސް ނަގައިދިން. އޭގައިވާ ގޮތުން އަހަރެންގެ އެކައުންޓަށް 2،600 ކްރޯޑު ރުޕީސް ޖަމާވެފައި ހުރި،" އިންޑީއާގެ މީޑީއާތަކާ ވާހަކަ ދައްކަމުން ލާލް ބިހާރީ ބުންޏެވެ.

ނަމަވެސް އޭނާގެ މި މުއްސަނދިކަން އޮތީ މަދު ވަގުތުކޮޅަކަށެވެ. ބެންކުގެ މައި ބްރާންޗަށް ގޮސް ޗެކް ކުރިއިރު އޭނާގެ އެކައުންޓްގައި އިން ކަމަށް ދައްކަނީ އެންމެ 126 ރުޕީސް އެވެ.

ބެންކުގެ ޑިސްޓްރިކްޓް މެނޭޖަރު އަބީޝެކް ވަރުމާ ބުނި ގޮތުގައި ލާލް ބިހާރީގެ އެކައުންޓު ރަނގަޅަށް ޗެކް ކުރިއިރު އެ އެކައުންޓްގައި އޮތީ 126 ރުޕީސް އެވެ.

"އެ ވާނީ ބެންކިން އެރާ އަކަށް. ބިހާރީ ލާލްގެ ބޭންކް އެކައުންޓް ބަންދުކޮށްގެން އެ މައްސަލަ އެގޮތަށް ދިމާވީ ކީއްވެތޯ ތަހުގީކުރަމުން އެބަ ގެންދޭ މިހާރު،" ބެންކްގެ އޮފިޝަލަކު ބުންޏެވެ.