ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުމްބާއީގެ ނެހުރޫ ޕޯޓަށް ރައީސް ޒިޔާރަތްކުރައްވައިފި

Aug 4, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

މިޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަފުދަށް އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަސީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސް ސޯލިހާއި ދިވެހި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވި އެވެ.

ނެހުރޫ ޕޯޓަށް ޒިޔާރަތް ކުރެއްވި ސަބަބު ރައީސް ސޯލިހް ވަނީ ޖޭއެންޕީޓީގެ އިސްވެރިންނަށް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ކުރިން ނެހުރޫ ޕޯޓުގެ މަސައްކަތްތައް ހުރި ގޮތް ބައްލަވައި މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވީ ކަމަަށެވެ.

ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރުކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއާ ކޮންޓެއިނާ ހޭންޑްލިންގ ބަނދަރެކެވެ. އިންޑިއާގެ މައިބަނދަރުތަކަށް ބަލާއިރު އެ ބަނދަރުތަކަށް ބާލާ ކޮންޓެއިނަރު ކާގޯގެ 50 ޕަސަންޓް ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ.

ދުނިޔޭގެ ކޮންޓެއިނަރު ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މިބަނދަރުން ދުނިޔޭގެ 200 އަށް ވުރެ ގިނަ ބަނދަރަށް މުދާ އުފުލަ އެވެ.

ރައީސް ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.