ލައިފްސްޓައިލް

އަތުގެ ނިޔަފަތި އެންމެ ދިގު މީހާގެ ރެކޯޑް ޑަޔާނާއަށް

އަތުގެ ނިޔަފަތި އެންމެ ދިގު މީހާގެ ރެކޯޑް އެމެރިކާގެ ޑަޔާނާ އާމްސްޓްރޮންގް އަށް ލިބިއްޖެ އެވެ.

އޭނާގެ އަތުގެ ހުރިހާ ނިޔަފައްޗެއް ގުޅުވާލުމުން ހުރިހާ ނިޔަފައްޗެއްގެ ދިގުމިނުގައި 42 ފޫޓާއި 10.4 އިންޗް ހުރެ އެވެ.

ޑަޔާނާގެ އެންމެ ދިގު ނިޔަފައްޗަކީ ކަނައަތުގެ ބޮޑުވައި އިނގިއްޔެވެ. އަދި އެންމެ ކުރު ނިޔަފައްޗަކީ ވައަތުގެ ކުޑަވައި އިނގިއްޔެވެ.

ކަނައަތުގެ ބޯޑުވައި އިނގިލީގެ ނިޔަފަތީގައި ހަތަރު ފޫޓް 6.7 އިންޗި ހުންނައިރު ވައަތުގެ ކުޑަވައި އިނގިލީގެ ނިޔަފަތީގައި ތިން ފޫޓް ހަތް އިންޗި ހުރެ އެވެ.

ޑަޔާނާ ބުނި ގޮތުގައި އޭނަގެ ނިޔަފަތި ދިގުކުރަން ފެށީ މީގެ 25 އަހަރު ކުރިން އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅު ލަތީޝާއަށް އަސްތަމާ އެޓޭކެއް ޖެހި މަރުވުމުގެ ހިތާމައިގަ އެވެ.

ލަތީޝާ މަރުވި ރޭ ވެސް ދެމައިން ތިބީ ޑަޔާނާގެ ނިޔަފަތީގައި އެއީ ލަތީޝާއާ އެކު ހޭދަކުރެވުނު އެންމެ ފަހު ވަގުތުކޮޅު ކަމަށްވެސް ޑަޔާނާ ބުނެފައިވެ އެވެ.

ޑާޔާނާ އިތުރަށް ބުނީ އޭނާއަށް އެއްލައްކަ ޑޮލަރު ދިނުމަށްފަހު ނިޔަފަތި ކަނޑަން އެދުނު ނަމަވެސް އެކަން ނުކުރާނެ ކަމަށާއި ސަބަބަކީ ނިޔަފަތި ދިގުކުރީ ދަރިފުޅުގެ ހަނދާނުގައި ކަމަށްވާތީ ކަމަށެވެ.

ނިޔަފަތިތައް ދިގުކުރުމުގެ އިތުރުން ޑަޔާނާ ހުންނަނީ ނިޔަފަތީގައި ކުލަ ޖައްސާފަ އެވެ. އެކަމަށް 15 ނުވަތަ 20 ފުޅި ކުލަ ބޭނުންވާ ކަމަށާއި އަދި އެކަމަށް ހަތަރު ފަސްގަޑިއިރު ހޭދަވާ ކަމަށްވެސް ޑަޔާނާ ބުނެފައިވެ އެވެ.