މަންތާ އެއާ ދެކޮޅަށް ކުޑަހުވަދޫގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޖުމްލަ 15 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މީހުން ހައްޔަރުކުރަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ހައްޔަރުކުރި ޖުމްލަ 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ރޭ ހާޒިރުކުރުމުން ކޯޓުން ވަނީ އެ އެންމެންވެސް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. ކޯޓުން 14 މީހަކު ދޫކޮށްލީ އެމީހުންނަށް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
މަންތާ އެއާ އާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން ނިކުތީ ހާޓް އެޓޭކެއް ޖެހުނު މީހަކު މިދިޔަ ހޯމަ ދުވަހު މާލެ ގެނައުމަށް މަންތާ އެއާ އިން ދެކޮޅު ހެދުމުންނެވެ.
ކުޑަހުވަދޫ އެއާޕޯޓް ހިންގަނީ މަންތާ އެއާ ވެސް ހިންގާ ފަރާތުންނެވެ. އަދި ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ ވެސް މަންތާ އެއާ އެވެ. އެހެންކަމުން މަންތާ އެއާގެ ފްލައިޓްތަކުގައި ބަލި މީހުން އުފުލައި ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލު ކޮށްދޭން ޖެހޭނެ ކަމަށްވެސް ކުޑަހުވަދޫ ރައްޔިތުން ބުނެ އެވެ.
ހާޓް އެޓޭކް ޖެހުނު މީހާ މަންތާ އެއާގެ ފްލައިޓްގައި މާލެ ނުގެނެސް ދިނުމުން އެ މީހާ މާލެ ގެނައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއް ކުޑަހުވަދޫއަށް ގޮސްގެންނެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫގެ ބައެއް ކައުންސިލަރުން ވިދާޅުވީ މަންތާ އެއާގެ ފްލައިޓްތަކުގައި ބަލި މީހުން އުފުލާ ނުދޭތީ ރައްޔިތުންގެ ފަރާތުން އެތައް ފަހަރަކު އެ ކަންބޮޑުވުން މަންތާ އެއާގެ އިސްވެރިންނާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި އިއްޔެއާ ހަމައަށް ވެސް އެކުންފުނީގެ އެއްބާރުލުން އެކަމުގައި ލިބިފައި ނުވާ ކަަމަށްވެސް ކައުންސިލަރުން ބުނެފައިވެ އެވެ. ނަމަވެސް ކުޑަހުވަދޫ ރައްޔިތުން ކުރި ވަރުގަދަ އިހްތިޖާޖާ ގުޅިގެން މަންތާ އެއާ އިން މިހާރު ވަނީ ބަލި މީހުން އުފުލައިދިނުމަށް އެއްބަސްވެފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މަންތާ އެއާ އާއި ފްލައިމީގެ ފްލައިޓްތަކުގައި ބަލި މީހުން އުފުލޭ ގޮތް ހަމަޖެއްސުމަށް އަންގާފަ އެވެ.