ކުޑަހުވަދޫ

ކުޑަހުވަދޫ ހަމަނުޖެހުން: ހަ މީހަކު ހައްޔަރުކޮށްފި

Aug 4, 2022
1

މަންތާ އެއާ ދެކޮޅަށް ކުޑަހުވަދޫގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަހުވަދޫ ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން ހަތަރު މީހުން ހައްޔަރުކުރަން ކުރި މަސައްކަތަށް ހުރަސް އެޅުމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގައި ދަށަށް ގެންދިޔައީ 31 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ.

މަންތާ އެއާ އާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން ނިކުތީ ހާޓް އެޓޭކެއް ޖެހުނު މީހަކު މިދިޔަ ހޯމަ ދުވަހު މާލެ ގެނައުމަށް މަންތާ އެއާ އިން ދެކޮޅު ހެދުމުންނެވެ.

ކުޑަހުވަދޫ އެއާޕޯޓް ހިންގަނީ މަންތާ އެއާ ވެސް ހިންގާ ފަރާތުންނެވެ. އަދި ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ ވެސް މަންތާ އެއާ އެވެ. އެހެންކަމުން މަންތާ އެއާގެ ފްލައިޓްތަކުގައި ބަލި މީހުން އުފުލައި ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލު ކޮށްދޭން ޖެހޭނެ ކަމަށްވެސް ކުޑަހުވަދޫ ރައްޔިތުން ބުނެ އެވެ.

ހާޓް އެޓޭކް ޖެހުނު މީހާ މަންތާ އެއާގެ ފްލައިޓްގައި މާލެ ނުގެނެސް ދިނުމުން އެ މީހާ މާލެ ގެނައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއް ކުޑަހުވަދޫއަށް ގޮސްގެންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫގެ ބައެއް ކައުންސިލަރުން ވިދާޅުވީ މަންތާ އެއާގެ ފްލައިޓްތަކުގައި ބަލި މީހުން އުފުލާ ނުދޭތީ ރައްޔިތުންގެ ފަރާތުން އެތައް ފަހަރަކު އެ ކަންބޮޑުވުން މަންތާ އެއާގެ އިސްވެރިންނާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކުންފުނީގެ އެއްބާރުލުން އެކަމުގައި ލިބިފައި ނުވާ ކަަމަށްވެސް ކައުންސިލަރުން ބުނެފައިވެ އެވެ.