ލައިފްސްޓައިލް

މާހައުލު ނުސާފުވުމާއި ސްޓްރެސްގެ ސަބަބުން އޮޓިޒަމް މައްސަލަ ބޮޑުވޭ

މާބަނޑު އަންހެނުން ވައި ނުސާފު ތަންތާނގައި ދިރިއުޅުމުންނާއި މާބޮޑަށް ސްޓްރެސް ވުމުން އެމީހުންނަށް ލިބޭ ދަރިންނަށް އޮޓިޒަމް ކަހަލަ ތަފާތު މައްސަލަތައް ދިމާވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ މީދާތަކެއް ބޭނުންކޮށްގެން ހެދި ތަހުލީލުތަކަކަށްފަހު ސައިންސްވެރިން ނެރެފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

އެއާ ޕޮލިއުޝަން ނުވަތަ ވައި ނުސާފުވުން ކަމަށް ބަލާފައިވަނީ ދުއްވާ އެއްޗެތިން ނުކުންނަ ވިހަ ދުން ފަދަ އެއްޗިއްސަށެވެ. މިއީ ކުޑަކުދިންނަށް ނިއުރޯޑީވެލޮޕްމަންޓަލް ޑިސްއޯޑާގެ ތެރޭގައި ހިމެނޭ ޝީޒޯފްރޭނިއާ އާއި އޮޓިޒަމްގެ މައްސަލަތައް ދިމާވާން މެދުވެރިވާ މުހިއްމު ސަބަބެކެވެ.

ދުނިޔޭގެ އާބާދީގެ 99 ޕަސެންޓް މިހާރު ސިޓީތަކުގައި ދިރިއުޅެމުންދާއިރު މާބަނޑު މީހުންވެސް ނޭވާލާން ޖެހެނީ ނުސާފު ވައިގެ ތެރެއަށެވެ. ދުނިޔެއަށް އުފަންވާ ކޮންމެ 44 ކުއްޖަކުން އެއް ކުއްޖަކު އޮޓިޒަމްއަށް ޑައިގްނޯސް ވެއެވެ. މީގެ ތެރޭގައި ފިރިހެން ކުދިން ހަތަރު ގުނައަށް އިތުރެވެ.

މާބަނޑު މީހުންގެ ތެރެއިން އެންމެން ވެސް ނޭވާ ލާނީ އޭނާ ދިރިއުޅޭ ހިސާބެއްގައި ހުންނަ ވަޔަށް ކަމަށް ވާއިރު ބައެއް ކުދިންނަށް އޮޓިޒަމްގެ މައްސަލަ ކުރިމަތިވެފައި އަނެއްބައި ކުދިންނަށް އެ މައްސަލަ ކުރިމަތި ނުވަނީ ކީއްވެ ހެއްޔެވެ؟

ޑިއުކް ޔުނިވަސިޓީގެ ސައިކޮލޮޖީ އެންޑް ނިއުރޯސައިންސް ޕްރޮފެސަރު ސްޓޭސީ ބިލްބޯ ވިދާޅުވީ އެންވަޔަރަންމަންޓަލް ޓޮކްސިންސް ނުވަތަ ވައިގައި ހުންނަ ވިހަ މާއްދާތަކުން އެކި މީހުންނަށް އަސަރުކުރާ މިންވަރު ތަފާތެވެ. މާބަނޑު މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށް ނުސާފުވައިގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާލެއް ވަރަށް ބޮޑުއިރު އަނެއް ބައި މީހުންނަކަށް އެހާ ބޮޑު އަސަރެއް ނުކުރެ އެވެ.

އެއާ ޕޮލިއުޝަން އާއި އޮޓިޒަމް އަށް ބަލާއިރު ގޭތެރޭގެ މާހައުލުގައި ހުންނަ މައްސަލަތަކާއި އެނޫންވެސް އާއިލި މައްސަލަތަކާ މާބޮޑަށް ވިސްނަންޖެހި މައިމީހާގެ ސްޓްރެސް ބޮޑުވުމަކީ ލިބޭ ދަރިފުޅަށް އޮޓީޒަމްގެ މައްސަލަތައް ކުރިމަތިވުން ވަރަށް ގާތް ކަމެއް ކަމަށްވެސް ޕްރޮފެސަރު ވިދާޅުވި އެވެ.

އޮޓިޒަމްއާ އެކު ބޮޑެތިވާ މީހުން ގިނަ ފަހަރަށް އުޅެނީ މުޖުތަމައުގައި ދިރިއުޅޭ މީހުންނާ މާބޮޑު ގުޅުމެއް ނެތި އެވެ. އެހެންވެ އޭނާ އަކީ މީހުންނާ ނުގުޅޭ މީހެއް ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ހަގީގަތުގައި އެމީހުންގެ ސިކުނޑި އުފެދިފައިވާ ގޮތުން އެހެން މީހުންނާ ގުޅީގެން އުޅެން ނޭނގޭތީ އެމީހުން އެކަނިވެރި ދިރިއުޅުމެއް އުޅެނީ އެވެ.