އާއްމުކޮށް ނުފެންނަ ލޭގެ ގްރޫޕެއް އިންޑިއާގެ ގުޖްރާތުގެ މީހެއްގެ ގައިން ޑޮކްޓަރުންނަށް ފެނިއްޖެ އެވެ.
މި ބްލަޑް ގްރޫޕްގެ ނަމަކީ އީއެމްއެމް ނެގެޓީވް ބްލަޑް ގްރޫޕެވެ. އާއްމުކޮށް އިންސާނުންގެ ގައިގައި ހުންނަނީ އޭ، ބީ، އޭބީ، އަދި އޯ ނަމަވެސް މީގެން އެއްވެސް ގްރޫޕަކާ މި މީހާގެ ލޭ ދިމަލެއް ނުވެ އެވެ.
މި ލޭގެ ގްރޫޕް ފެނިފައިވަނީ ގުޖްރާތުގައި ދިރިއުޅޭ 65 އަހަރު މީހެއްގެ ގައިންނެވެ. މި މީހާ އަކީ ހިތުގެ ބަލި މީހެއްވެސް މެއެވެ. މި ވައްތަރުގެ ލޭގެ ގްރޫޕް ހުރި މީހުން މުޅި ދުނިޔޭގައި ވެސް ވަރަށް މަދެވެ. މިހާތަނަށް މުޅި ދުނިޔޭން ވެސް ފެނިފައިވަނީ މި ލޭގެ ގްރޫޕް ހުރި އެންމެ 10 މީހުންނެވެ.
މި 10 މީހުންގެ ލޭގައި އީއެމްއެމް ހައި ފްރިކުއެންސީ އެންޓިޖަން އެއް ނުހުރެ އެވެ. އެހެން އިންސާނުންނާއި މި 10 މީހުން ތަފާތު ވަނީ އެހެން އެންމެންގެ ގައިގައި 375 ބާވަތެއްގެ އެންޓީޖަންސް ހުންނާތީ އެވެ. އަދި މީގައި ހުންނަ އީއެމްއެމްއައި މަތިކަމުންނެވެ.
މި ވައްތަރުގެ ލޭގެ ގްރޫޕް ހުންނަ މީހުންނަށް އެހެން މީހަކަށް ލޭ ހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި އެހެން މީހެއްގެ ގައިން މި މީހުންގެ ގަޔަށް ލެޔެއް ނުވެސް އެޅޭނެ އެވެ.
ސަމަރްޕަން ބްލަޑް ޑޮނޭޝަން ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ސަންމުކް ޖޯޝީ ބުނި ގޮތުގައި އާ ލޭގެ ގްރޫޕް ފެނުނު މީހާއަކީ ހިތުގެ ބައްޔެއް ހުރި 65 އަހަރުގެ މީހެކެވެ. އޭނާގެ ބްލަޑް ގްރޫޕް ތަފާތުކަން އެނގުނީ ހިތުގެ އޮޕަރޭޝަނެއް ކުރަން ލޭ އަޅަން ޖެހޭތީ ލޭ ޓެސްޓް ކުރުމުންނެވެ.
އޭނާގެ ލޭގެ ގްރޫޕް އެއްވެސް މީހަކާ ދިމާނުވެގެން އެންމެ ފަހުން ޓެސްޓްކުރަން އެމެރިކާއަށް ފޮނުވީ ކަމަށާއި މިމީހާ އަކީ އިންޑިއާގައި ހުރި މި އާދަޔާޚިލާފު ލޭގެ ގްރޫޕް ހުރި ފުރަތަމަ މީހާކަން އެނގުނީ އެމެރިކާއިން ކުރި ޓެސްޓްތަކުން ކަމަށް ޑޮކްޓަރު ބުންޏެވެ.
އިންޓަނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން އިން މި މީހާގެ ލެޔަށް އީއެމްއެމް ނެގެޓިވް ނަން ދިނީ މި މީހާ އާއި އަދި ދުނިޔޭގައި ތިބި މި ލޭގެ ގްރޫޕްގެ އަނެއް ނުވަ މީހުންގެ ލޭގައި އީއެމްއެމް ހުންނަލެއް މަދުކަމުންނެވެ.