ތިމާއާ އެއްފަދަ އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށްޓަކައި މީހަކަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ އޭނާގެ ގައިގައި ހުންނަ ލެއެވެ. އަނެކާއަށް ހަދިޔާކުރާ ލެއަކީ ދީނީ ގޮތުން ބަލާއިރުވެސް އަދި ދުނިޔަވީ ގޮތުން ބަލާއިރު ވެސް އޭގެ އަގު އަދާ ކުރެވޭ ވަރަށް ވުރެ މާ އަގުހުރި އެއްޗެކެވެ. އިންސާނިއްޔަތަށް ކޮށްދެވޭ އެންމެ އަގުހުރި ޚިދުމަތަކީ ވެސް ލޭ ހަދިޔާ ކުރުމެވެ.
އެންމެ ފަހަރަކު ލޭ ދީގެން ވެސް އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ލޭގައި ހިމެނޭ ތަފާތު އެތައް ކޮމްޕޯނަންޓްސްއެއް ބަލި މީހުންނަށް ތަފާތު ފަރުވާގެ ގޮތުގައި ބޭނުން ކުރެވޭނެތީ އެވެ. ހަޔާތުގައި އެންމެ ފަހަރަކު ނަމަވެސް އިންސާނިއްޔަތަށް ލޭ ހަދިޔާކުރުމަށް ކަމާ ބެހޭ ތަޖުރިބާކާރުން އިލްތިމާސް ކުރަނީ މި ސަބަބާ ހެދި އެވެ.
"އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ތިމަންނާ މިވެނި ވަރަކަށް ފަހަރު ލޭ ހަދިޔާ ކޮށްފީމޭ" ބައެއް މީހުން ވަރަށް ފަޚުރުވެރިކަމާއެކު ބުނެލަ އެވެ. ނަމަވެސް އެންމެ ގިނަ ފަހަރަށް ލޭ ހަދިޔާކުރި އަންހެން މީހާގެ ގިނިސް ވޯލްޑް ރެކޯޑް މިހާރު އޮތީ އުމުރުން 80 އަހަރުގެ ޖޯސެފީން މިޗަލުކް އަށެވެ.
ޖޯސެފީން ލޭ ހަދިޔާކުރާތާ 60 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. އެއާއެކު 'މޯސްޓް ހޯލް ބްލަޑް ޑޮނޭޓަޑް (ފީމޭލް)'ގެ ގިނިސް ވޯލްޑް ރެކޯޑްސް އޭނާއަށް ލިބުނީ އެވެ.
ޖޯސެފީން ލޭ ހަދިޔާކުރަން ފެށީ 1965 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 22 އަހަރެވެ. އޭގެ ފަހުން އޭނާ 203 ފަހަރަކު ލޭ ހަދިޔާކޮށް ގުނާ އަދަދު ނުކުރެވޭހާ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދީފައި ވެއެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ އިންޑިޔާ އަންހެނަކަށެވެ. މަދުރާ އަޝޯކް ކުމާރު ނަމަކަށް ކިޔާ މި މީހާ އޭނާގެ ހަޔާތުގައި 117 ފަހަރު ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އޮންލައިން ސައިޓްގައިވާ މައުލޫމާތު ބުނެ އެވެ.
ޖޯސެފީން ފަދައިން އޭނާގެ ދައްތައަކީ ވެސް ލޭ ހަދިޔާ ކުރި މީހެކެވެ. ޖޯސެފީން ލޭ ހަދިޔާކުރަން ހިތްވަރު ލިބުނީ ދައްތަގެ ފަރާތުންނެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އެހެން މީހުންނަށް ހަދިޔާކުރާ ވަރަށް އަހަރެންގެ ހަށިގަނޑުގައި އަބަދުވެސް ލޭ ހުރޭ،" ޖޯސެފީން ބުންޏެވެ.
ޖޯސެފީންގެ ހުންނަނީ އޯ ޕޮޒިޓިވް ލެއެވެ. މިއީ ހޮސްޕިޓަލުތަކަށް ވަރަށް ގިނައިން ބޭނުންވާ ޑިމާންޑް ބޮޑު ލޭގެ ވައްތަރެކެވެ. އެމެރިކަން ރެޑް ކްރޮސް ބުނާ ގޮތުގައި އެމެރިކާގެ އާބާދީގެ 37 ޕަސެންޓް މީހުންގެ ގައިގައި ހުންނަނީ އޯ ޕޮޒިޓިވް ލެޔެވެ.
އުމުރުން 80 އަހަރުވީއިރުވެސް ޖޯސެފީން އަށް ލޭ ހަދިޔާ ކުރުމަކަށް މަނަލެއް ނެތެވެ. ސަބަބަކީ އޭނާގެ އުމުރާ ބަލާފައި ސިއްހަތު ރަނގަޅު ކަމުންނެވެ. ނަމަވެސް އުމުރުން ދުވަސްވެފައިވާތީ ކޮންމެ ފަހަރަކުވެސް ޖޯސެފީންގެ ގައިން ލޭ ނެގުމުގެ ކުރިން ހުރިހާ ޓެސްޓްތަކެއް ހަދައި އޭނާގެ ގައިން ލޭ ނެގުމުގައި މައްސަލައެއް ނެތްކަން ޑޮކްޓަރުން ޔަގީން ކުރެ އެވެ.
ޖޯސެފީންގެ އެންމެ ޚާއްސަ އެއް ކަމަކީ 80 އަހަރު ފުރުނުއިރުވެސް ލޭ ހަދިޔާކުރުން މަދުކޮށްލަން ވެސް ނުޖެހި ކުރިން ވެސް ހަދިޔާ ކުރަމުން އައިގޮތަށް އެކަން ކުރިޔަށް ގެންދިއުމުގެ ނަސީބު ލިބިފައި ވުމެވެ. އޭނާ މިހާރުވެސް އެވްރެޖްކޮށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާ ކުރެ އެވެ.
ނަމަވެސް ޖޯސެފީން އަށް އެއްގޮތަކަށް ވެސް ލޭ ހަދިޔާ ނުކުރެވި ދިޔަ އަހަރު ތަކެއް ވެސް ފާއިތުވެފައި ވެއެވެ. އޭގެ ތެރެއިން ބައެއް އަހަރަކީ އޭނާ ބަލިވެ އިނދެގެން ލޭ ހަދިޔާ ނުކުރެވުނު އަހަރު ތަކެވެ. ޖޯސެފީން ހަތަރު ކުދިން ވިހާފައި ވެއެވެ. މި ކުދިންނަށް ބަނޑުބޮޑުވެފައި އިން ހަތަރު އަހަރު އޭނާ އަށް ލޭ ހަދިޔާ ނުކުރެވުނެވެ.
ލޭ ހަދިޔާ ކުރާ މީހުން އެކަން ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ޖޯސެފީން އަކީ ހިތްވަރެކެވެ. ޖޯސެފީންގެ އުންމީދަކީ ހަޔާތުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ލޭ ހަދިޔާކުރުން މަތީ ދެމި ހުރުމެވެ.
"އަހަރެން ހިޔެއް ނުކުރަން އަހަރެންނަށް ރެކޯޑް ހެދިދާނެ ކަމަކަށް. އަހަރެން ލޭ ހަދިޔާ ކުރަނީ ރެކޯޑް ހަދާކަށް ނޫން. އަދި އަހަރެން އަދިވެސް ލޭ ހަދިޔާ ކުރުމުގައި ކުރިޔަށް ދާން ގަސްދުކުރަނީ،" ޖޯސެފީން ބުންޏެވެ.