މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތައް ހުޅުވުން ލަހެއް ނުކުރަން، ބުދަ ދުވަހު ފަށާނެ: އެޑިއުކޭޝަން

ދިރާސީ އާއަހަރުގެ ކިޔެވުން ފަށާދުވަސް ފަހެއް ނުކުރާ ކަމަށާއި ކުރިން ވެސް ހަމަޖެހިފައިވާ ތާރީހުގައި ސްކޫލުތައް ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރީ އިން ބުނެފި އެވެ.

މިނިސްޓްރީ އިން މިހެން ބުނީ ސްކޫލުތައް ހުޅުވޭ ދުވަސް މިމަހު 17 އަށް ފަސްކޮށްފައިވާ ކަމުގެ އަޑު އާމުންގެ ތެރޭގައި ފެތުރިފައިވަނި ކޮށެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައި ވަނީ މިމަހު 13 ގައެވެ.

އެމިނިސްޓްރީގެ އޮފިޝަލެއް "އަވަސް" އާ ވާހަކަދައްކަވަމުން ވިދާޅުވީ މިމަހު 17 އަށް ކިޔެވުން ފަސްކޮށްފައިވާ ކަމަށް ފެތުރިފައިވާ ވާހަކައަކީ އެޑިއުކޭޝަން މިނިސްޓްރީ ތެރޭގައި އެއްވެސް އިރެއްގައި ދެކެވުނު ވާހަކައެއް ނޫން ކަމަށާއި އެވާހަކަ އެއީ ބަޔަކު ފެތުރި ދޮގު ވާހަކަ އެއް ކަމަށެވެ.

"އެއީ ތެދުވާހަކަ އެއް ނޫން. މިނިސްޓްރީ އިން ސްކޫލުތައް ހުޅުވޭ ތާރީހު ފަހެއް ނުކުރަން. ކުރިން ވެސް ސްކޫލުތަށް ހުޅުވަން ހަމަޖެހިފައިވާ ތާރީހުގައި ސްކޫލުތައް ހުޅޫވި ކިޔެވުން ފަށާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވި އެވެ.