ބޮލީވުޑް

"މައުސޫމް" އިން ފެނުނު ޖުގަލް ފިލްމު ކުޅުމާ ދުރުގައި

ނަސީރުއްދީން ޝާހާއި ޝަބާނާ އަޒްމީ 1982ގައި ކުޅުނު "މައުސޫމް"ގައި އެމީހުންގެ އެކްޓިން ކިތަންމެ ފުރިހަމަޔަސް ފިލްމު ބެލި ގިނަ ބައެއްގެ ހިތް ހަދިޔާ ކުރެވުނީ އެ ފިލްމުގައި މުހިއްމު ރޯލެއް އަދާކުރި ކުޑަ ކުޑަ ފިރިހެން ކުއްޖާ އަށެވެ. އެ ރޯލު އަދާކޮށްފައިވަނީ އޭރު އުމުރުން އެންމެ ނުވަ އަހަރުގެ ޖުގަލް ހަންސްރާޖް އެވެ.

އެ ފިލްމުގައި ޖުގަލް ކުޅެފައިވާ މަންމަ މަރުވެފައިވާ މައުސޫމް ކުޑަ ކުއްޖެއްގެ ރޯލުގެ ސަބަބުން އޭނާގެ ބޮލީވުޑްގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް އޭނާގެ ފިލްމީ ކެރިއަރު ވެގެން ދިޔައީ ހިނދުކޮޅެއްގެ ކަމަކަށެވެ.

"މައުސޫމް" އަށްފަހު ޖުގަލް ދުވަސްކޮޅަކަށް އެކްޓިން ކެރިއަރު ފަހަތަށް ޖައްސާލައި ތައުލީމު ފުރިހަމަ ކުރި އެވެ. އަދި ބޮޑު މީހެއްގެ ގޮތުގައި އަލުން ބޮލީވުޑަށް ނުކުތެވެ. ނަމަވެސް "މައުސޫމް" އިން ބެލުންތެރިންގެ ހިތް އަތުލި ގޮތަށް ޒުވާން އެކްޓަރެއްގެ ގޮތުގައި އޭނާ ކުޅުނު ފިލްމުތަކުން ބެލުންތެރިންގެ ހިތް އަތުލެވޭ ގޮތެއް ނުވި އެވެ.

ބައެއް ހިންދީ ފިލްމުތައް ކުޅެ ޑައިރެކްޓް ކުރުމަށްފަހު ބައެއް ޓީވީ ޝޯ ތަކުގައި ވެސް ފަހުން ޖުގަލް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ފިލްމީ ތަރި ވަނީ ފަނޑުވަމުން ގޮސް މިހާރު މުޅީން އޮއްސިފަ އެވެ.

"މުހައްބަތޭން"، "ކަރްމާ"، "ޕާޕަ ކެހެތޭ ހޭން"، "ސަލާމް ނަމަސްތޭ" އަދި "އާޖާ ނަޗްލޭ" ފަދަ ފިލްމުތައް ކުޅެފައިވާ ޖުގަލް އަށް މީގެން އެއްވެސް ފިލްމަކުން އެކަށީގެންވާ ވަރުގެ ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.

ނަމަވެސް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ކުޅަދާނަކަން ޖުގަލް ވަނީ ދައްކާލާފަ އެވެ. އޭނާއަކީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. އޭނާ 2008ގައި އުފެއްދި "ރޯޑްސައިޑް ރޯމިއޯ" ކިޔާ އެނިމޭޓަޑް ފިލްމުން ޖުގަލް އަށް ނެޝަނަލް އެވޯޑު ލިބުނެވެ.

އެމެރިކާގައި ދިރިއުޅޭ އިންވެސްޓްމަންޓް ބެންކާ ޖޭސްމީން ދިލަން އާއި ޖުގަލް ވަނީ 2014ގައި ކައިވެނިކޮށްފަ އެވެ. އަދި އެމީހުންނަށް މިހާރު ފިރިހެން ދަރިއަކު ވެސް ލިބިފައި ވެއެވެ. ކައިވެންޏަށްފަހު އޭނާ އާއިލާއާއެކު ދިރިއުޅެމުންދަނީ އެމެރިކާގަ އެވެ. ބޮލީވުޑާ މާ ދުރުގަ އެވެ.

ޖުގަލް އެންމެ ފަހުން ފިލްމު ސްކްރީނުން ފެނިފައިވަނީ 2016ގައި ރިލީޒްކުރި "ކަހާނީ 2" އިންނެވެ.