ބޮލީވުޑް

"ބޮލީވުޑް މާފިއާ" އަހަރެން މަރާލަން އުޅުނު: ތަނުޝްރީ

ހިންދީ ފިލްމު އިންޑަސްޓްރީގައި ޒަމާނުއްސުރެ އޮންނަ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ދުނިޔެއަށް ހާމަކުރުމުގައި އިސް ރޯލެއް ކުޅުނީ ބަތަލާ ތަނުޝްރީ ދައްތާ އެވެ.

އެންމެ ފުރަތަމަ މި ވާހަކަ ފާޅުގައި ކެރިގެން ކިޔައިދިނީ އޭނަ އެވެ.

ތަނުޝްރީ ބުނެފައިވާ ގޮތުގައި 2008 ގެ ހިޓް ފިލްމު "ހޯން އޯކޭ ޕްލީޒް"ގެ ޝޫޓިންގެ ދުވަސްވަރު އެ ފިލްމުގެ އެކްޓަރެއް ކަމަށްވާ ނާނާ ޕަޓޭކަރް އާއި އެނޫންވެސް ބައެއް އެކްޓަރުން އޭނާއަށް ޖިންސީ ގޯނާ ކުރި އެވެ.

ތަނުޝްރީ މި ވާހަކަ ފާޅުގައި ދެއްކުމުން އެފަދަ މައްސަލަތައް ކުރިމަތިވި އެހެން ބައެއް ބަތަލާއިން ވެސް ފާޅުގައި ނުކުމެ އެމީހުންނަށް ދިމާވެފައިވާ މިފަދަ މައްސަލަތަކުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ.

ތަނުޝްރީ އަނެއްކާވެސް މިހާރު މުޅީން އާ ވާހަކަތަކެއް ދައްކަން ވަނީ ފަށާފަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ އިންޓަވިއު އަށްފަހު "ބޮލީވުޑް މާފިއާ" އިން އޭނާ މަރާޅަން ވަރަށް ގިނަ ފަހަރަށް މަސައްކަތް ކޮށްފި އެވެ.

ރޭޑިއޯ ޗެނަލްއަކަށް ދިން އިންޓަވިއު އެއްގައި ތަނުޝްރީ ބުނެފައިވަނީ ދެ ތިން ފަހަރެއްގެ މަތިން އޭނާއަށް މަރުގެ ހަމަލާތައް ކުރިމަތިވި ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަމެއް ދިމާވެގެން ފުރާނަ ސަލާމަތްވީ ކަމަށެވެ.

އެގޮތުން އުއްޖައިން ކިޔާ ރަށަކަށް ކާރުގައި ދަނިކޮށް ހިނގި އެކްސިޑެންޓަކީ ވެސް ބަޔަކު އޭނާ މަރާލަން ގަސްތުގައި ކާރުގެ ބުރަކި ހަލާކު ކޮށްލާފައި ހުރުމުން ދިމާވި އެކްސިޑެންޓެއް ކަމަށް ތަނުޝްރީ ތުހުމަތު ކުރެ އެވެ.

"އެ އެކްސިޑެންޓްގައި އަހަރެން މަރު ނުވިޔަސް ވަރަށް އަނިޔާވެ އެތައް ދުވަހަކު އެ ވޭނުގައި އުޅެން ޖެހުނު،" ތަނުޝްރީ ބުންޏެވެ.

މަރުގެ ދެވަނަ ހަމަލަ ކުރިމަތިވީ އޭނާ ގެންގުޅުނު ހައުސް މެއިޑެއްގެ ފަރާތުން ކަމަށްވެސް ތަނުޝްރީ ތުހުމަތު ކުރެ އެވެ.

"އަހަންނަށް ހީވަނީ އެއީ ކޮންމެވެސް މީހަކު އަހަރެން މަރާލަން އަހަރުމެން ގެޔަށް ފޮނުވާފައި ހުރި މީހެއް ހެން. އެ މީހާ ހުރި ދުވަސްވަރު އަހަރެން އަބަދު އަބަދު ބަލިވެ އުޅެނީ. ލަފާ ކުރެވެނީ އަހަރެން ބޯ ފެނަށާއި ކާ އެއްޗިއްސަށް ވިހަ ލާފައި ހުންނަނީހެން،" ތަނުޝްރީ ބުންޏެވެ.

ތަނުޝްރީ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ ފުރާނައަށް ގެއްލުން ވެއްޖެނަމަ އޭގެ ޒިންމާ އެކްޓަރު ނާނާ ޕަޓޭކަރް ނަގަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ނާނާ އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ތަނުޝްރީ އަށް ޝައްކުވާތީ އެވެ.

"އަހަރެން ނާނާ އާއި އެ ފިލްމު ސެޓުގައި އުޅުނު ބައެއް މީހުންގެ އަމަލުތައް ހުރި ގޮތުގެ ވާހަކަ ދެއްކީމަ އަހަރެންނަށް އެމީހުން ވަރަށް ބިރުދެއްކި. އެހެންވެ އަހަރެން ފިލްމު އިންޑަސްޓްރީ ދޫކޮށްލައި، އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ. އެހެން ނޫނީ އެ މީހުން އަހަރެން މަރާލާފައި އަހަރެން އަމިއްލައަށް މަރުވީކަމަށް ދައްކަފާނެ ކަން އަހަންނަށް ޔަގީން،" ރީތީގެ ރާނީގެ މަގާމުވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.

ތަނުޝްރީ އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމަކީ 2010ގައި ރިލީޒްކުރި "އެޕާޓްމަންޓް" އެވެ.

އޭނާ ފިލްމު އިންޑަސްޓްރީއަށް ނުކުތީ 2005ގައި ރިލީޒްކުރި "އާޝިގް ބަނާޔާ އާޕްނޭ" އިންނެވެ. އޭގެ ފަހުން 2007ގައި "ދޯލް" އަދި ހަމަ އެ އަހަރު "ގުޑް ބޯއި ބޭޑް ބޯއި"، 2006 ގައި "ބޭގަމް ޖާން" ކުޅެފައި ވެއެވެ.