ދުނިޔެ

އިޒްރޭލު، ޣައްޒާ ހަމަނުޖެހުން ބޮޑުވެ އަނެއްކާވެސް ހަނގުރާމައެއް ބޯމަތިވަނީ

އިޒްރޭލުގެ އާންމު ތަންތަނަށާއި އާންމު ރައްޔިތުންނަށް ނުރައްކާކުރަން ޓެރަރިސްޓުން ދުނިޔޭގައި ނުބައިތިއްބާނެ ކަމަށް އިޒްރޭލުން އޮތީ ބުނެފަ އެވެ.

ފަލަސްތީންގެ ޣައްޒާއަށް ހަމަލާ ދިނުމަށް އިޒްރޭލުން މިފަހަރު ދެއްކި ބަހާނަ އަކީ މިއީ އެވެ.

ފަލަސްތީންގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ހަނގުރާމަ ވެރިންނަށާއި އެމީހުންގެ ބިނާތަކަށް ހުކުރު ދުވަހު ހަމަލާދިނުމަށް ފަހު އިޒްރޭލުން ބުނީ ދުޝްމަނުން އިޒްރޭލަށް ބިރުދައްކައި އިންޒާރުދޭ ނަމަ އޮތް ގޮތަކީ އެބައެއްގެ ޒަމާން ދުއްވާލައި ބިމުން ލުހެލުން ކަމަށެވެ.

ޣާއްޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގައި 10 މީހަކު މަރުވެ އިތުރު 44 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޣާއްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

މަރުވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކާއި ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. ހަބަރުތައް ބުނާ ގޮތުން އަނިޔާ ލިބުނު މީހުންގެ އަދަދު މިއަށް ވުރެ ވެސް ގިނަވާނެ އެވެ.

އިސްލާމިކް ޖިހާދުން އިޒްރޭލަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. މީގެތެރެއިން ބައެއް ރޮކެޓްތައް އިޒްރޭލަށް ވެއްޓުނު ނަމަވެސް އިޒްރޭލުގެ ދިފާއީ ނިޒާމް -- "އަޔަން ޑޯމް" އިން ވަނީ ގިނަ ރޮކެޓްތައް މަތަކޮށް ވައިގެ ތެރޭގައި ހަލާކުކޮށްލާފަ އެވެ.

އިޒްރޭލަށް ވެއްޓުނު ރޮކެޓަކުން މީހަކަށް އަދި ތަނަކަށް ގެއްލުން ލިބުނުކަން އެނގިފައެއް ނުވެ އެވެ. ޣައްޒާއިން ފޮނުވި ރޮކެޓްތައް އާމަޒުވެފައި ވަނީ އިިޒްރޭލުގައި އާންމުކޮށް މީހުން ނޫޅޭ ސަރަހައްދަކަށެވެ.

އިޒްރޭލުގެ އަނިޔާވެރި ހަލަމާތައް އަރަބި އެކުވެރި ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި އުރުދުން، ގަތަރު އަދި ތުރުކީ ހިމެނެ އެވެ.

އިސްލާމިކް ޖިހާދު އަކީ ހަމާސް ޖަމާއަތާ ފިކުރީ ގޮތުން ވަރަށް އެއްގޮތް ޖަމާއަތެކެވެ. ފަލަސްތީންގެ ވެރިކަން ހޯދުމުގައި އަދި އިޒްރޭލަށް ބަހުންނާއި އަމަލުން ހަމަލާދިނުމުގައި މި ދެ ޖަމާއަތް އާންމު ގޮތެއްގައި އޮންނަނީ އެއް ރޫހެއްގަ އެވެ.

އިސްލާމިކް ޖިހާދުން ބުނާ ގޮތުން އިޒްރޭލަށް އަދިވެސް ރައްދު ދޭނެ އެވެ. ހަމަލާތައް އަދި އޮތީ ކުރިއަށެވެ. އިޒްރޭލުގެ ވެރިރަށް ޓެލްއަވީވް އަށާއި ވިޔަފާރި ސިޓީތަކަށް ހަމަލާ ދޭނެ ކަމަށްވެސް އެ ޖަމާއަތުން ބުނެވެ.

އިޒްރޭލުން ވަނީ ރިޒާވް ސިފައިން ޑިއުޓީއަށް ނުކުތުމަށް އަންގާފަ އެވެ. އިޒްރޭލަށް ވާގިވެރިވާ އެމެރިކާ އަށާއި ޔޫރަޕްގެ ގައުމުތަކަށް އިޒްރޭލުން ވަނީ ޣާއްޒާއަށް ހަމަލާދޭނެކަން އަންގާފަ އެވެ.