ލައިފްސްޓައިލް

ލޮނުމެދު ބޮނޑިއަކުން އަރާމު ނިދި ހޯދިދާނެ

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ލޮނުމެދު ލޮލަށް ފެނުނަސް ގޮތްވާ ބައެކެވެ. އަދި ލޮނުމެދުގެ ވަސް ޖެހުނަސް، އޭގެ ރަހަ ލިޔަސް މޭނުބައިކުރާ ބައެކެވެ. އެކަމަކު ލޮނުމެދަކީ އޭގައި އެތަކެއް ފައިދާތަކެއް ހިމެނޭ އެއްޗެކެވެ.

މިއުޅެނީ ލޮނުމެދުން ކުރާ ހުރިހާ ފައިދާއެއް ލިސްޓް ކޮށްފައި ބުނެދޭކަށް ނޫނެވެ. އަރާމު ނިންޖެއް ބޭނުންވާ ނަމަވެސް ނިދަން އުނގޫވާ މީހުންނަށް ލޮނުމެދާ އެކު އަރާމު ނިދި ހޯދޭނެކަން ބުނެދިނުމަށެވެ. ކޮއްލަންޖެހޭ ހަމައެކަނި ކަމަކީ ނިދާގަޑީ ލޮނުމެދެއް ހިފައިގެން ކޮޓަރިއަށް ވަންނަން އާދަކުރުމެވެ.

ހަމަހިމޭންކަން

ނިދާގަޑީގައި ބާލިސް ކައިރި ލޮނުމެދު ބޮނޑިއެއް ބާއްވާށެވެ. ފުރަތަމަ ދުވަސްކޮޅު ތަންކޮޅެއް އުދަނގޫ ވެދާނެ އެވެ. ނަމަވެސް މުޅި ދުވަހު ބުރަކޮށް އުޅެފައި އަރާމު ނިންޖަކުން ކުޑައިރުކޮޅަކު ނިދާލަން ބޭނުންވާ މީހާއަށް ލޮނުމެދުގައި ހުންނަ "ސަލްފިޔުރަސް" ކިޔާ މާއްދައެއްގެ ސަބަަބުން ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ލިބި އަރާމު ނިންޖެއް ލިބެ އެވެ. ހާސް ނުވާށެވެ. ލޮނުމެދުގައި ހުންނަ ވަހާ ހެދި ކޮޓަރިއަށް ނުވަދެ ހުންނާކަށް ނުޖެހޭނެ އެވެ. ސަބަބަކީ ބާލިސް ކައިރީ ބާއްވާ ލޮނުމެދުން ތިހީކުރާ ވަރުގެ ވަހެއް ކޮޓަރި ތެރޭގައި ހިފާފައެއް ނުހުންނާނެ އެވެ.

ބަނޑު ސާފުކޮށްދިނުން

ބައެއް މީހުންނަކީ ނިދާ ގަޑިއާ ގާތްވުމުން ބަނޑަށް އުދަނގޫވާތީ އުޅޭ ބައެކެވެ. ބައެއް ފަހަރު އެހެން ވަނީ ބަނޑުގައި ގޭސް ހެދޭތީ އެވެ. އަނެއް ބައި ފަހަރު އެހެން ވަނީ ބޮޑުކަމުދާން ބޭނުންވެ ނުދެވިފައި ހުންނަ ވަގުތުތަކުގަ އެވެ. އެގޮތަށް ދިމާވާ އުނދަގޫ ތަކުގެ އެއް ހައްލަކީވެސް ލޮނުމެދެވެ. ހަދަންވީ ގޮތަކީ ނިދާ ވަގުތާ ކައިރިކޮށްފައި، ފެންތައްޓަކަށް ލޮނުމެދު އެޅުމަށްފަހު ބޯލަންވީ އެވެ. ފެން ތައްޓަށް ލޮނުމެދު އަޅާނީ ގާނާފައި ނޫނީ ކުދިކޮށް ކޮށާފަ އެވެ. ލޮނުމެދު އަޅައިގެން ފެން ތަށި ބުއިމުން އަގަ ތެރޭގައި ފަހަރުގައި ނުބައިވަހެއް ހިނދުކޮޅަކަށް ހުރެދާނެ އެވެ. އެކަމަކު މިއީ ނުބޮއެ ދޫކޮށްލާ ވަރުގެ ބުއިމެއް ނޫނެވެ.

ލޮނުމެދުން ދުވާ ވަހާއި ލޮނުމިދު ހުންނަ ގޮތަށް ނުވިސްނާށެވެ. އަރާމު ނިދި ބޭނުންވާނަމަ ލަސްނުކޮށް މިކަމުގެ އަޖުމަ ބަލާލަ ބަލާށެވެ.