ބޭރުގެ އުޅަނދުތަކަށް ރާއްޖެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ހުއްދަ ދެވޭ ގޮތަށް ގަވައިދެއް އެކުލަވާލައި ގެޒެޓުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ ގަވައިދުގައިވާ ގޮތުން ބޭރުގެ އުޅަނދުތަކަށް ލައިސަންސަށް އެދެވޭނީ 100 ޕަސެންޓު ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ.
ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރާ އުޅަނދަކީ ބޭރުގެ އުޅަނދަކަށް ވާންޖެހެ އެވެ. ލައިސަންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައި ކަމަށްވެސް ގަވައިދުގައިވެ އެވެ.
ގަވައިދުގެ މަގުސަދު
- ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުން
- މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ދިވެހިރާއްހޭގެ ކަނޑުގެ ސަރަހައްދުގައި ގަތުމުގެ ލައިސަންސް މަސް ގަންނަ ބޭރުގެ އުޅަނދު ފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން
- ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި ދިވެހިރާއްޖޭގެ މައްޗަށް އޮތް ބައިނަލްއަގްވާމީ އިލްތިޒާމުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިންގެ އަތުން ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރާ މަސް ގަންނަ ބޭރުގެ އުޅަނދު ފަހަރުން ހިންގާ އެންމެހާ ހަރަކާތްތައް ހަމަމަގުކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތައް ބަޔާންކުރުން
ލައިސަންސް ހޯދުމަށް މަސް ގަތުމަށް ހުށަހަޅާ އުޅަނދަކީ 500 މެޓްރިކްޓަނުގެ ކެޕޭސިޓީގެ އުޅަނދަކަށް ވާންޖެހެ އެވެ. އެ އުޅަނދަކީ ޖިނާއީ ކުށެއްގައި އެއްވެސް ގައުމެއްގެ އެއްވެސް އިދާރާއަކު ލިސްޓުކޮށްފައިވާ އުޅަނދަކަށް ވެގެން ނުވެ އެވެ. މީގެއިތުރުން އެ އުޅަނދުގައި ސާފުތާހިރު ކަމުގެ މިންގަނޑު ހުރީ ރާއްޖޭގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީން ބަލައިގަންނަ މިންގަނޑެއް ކަމަށް ބަޔާންކުރަ މުއްދަތު ހަމަނުވާ ސެޓްފިކެޓެއް އޮންނަންޖެހެ އެވެ. އަދި މިފަދަ އުޅަނދުތަކުގައި މަސްވެރިކަން ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ހުރުންވެސް ގަވައިދުން މަނާކުރެ އެވެ.
ގަވައިދުގައިވާ ގޮތުން މަސް ގަތުމަށް ބޭރުގެ އުޅަނދުތަކަށް ލައިސަންސް ދިނުމަށް ނިންމާފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ.
ގަވައިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ޖޫރިމަނާ ކުރެވޭނެ ގޮތްތަކެއްވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.