މޯލްޑިވްސް ނެޝަނަލް ޕާޓީ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުން ފެށިގެން ވަރަށް ކުރިޔަށް އެބަދެއެވެ. މިއީ އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބެވެ.
ޖުމްލަ 54 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ކުރިޔަށްގެންދާ މި އިންތިހާބުގައި މިހާތަނަށް ވޯޓްލީ މީހުންގެ އަދަދަށް ބަލާއިރު އިންތިހާބަށް އޮތް ތަރުހީބު ބޮޑު ކަމަށް އެ ޕާޓީ ބުނެއެވެ. ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ނެގުން ކުރިއަށް ދާނެ އެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ އިންތިހާބު މިއަދު ކުރިއަށް ދާތަން ދެކެނީ ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި މިއަދު ފެނިގެންދަނީ އެމްއެންޕީއަކީ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއް ކަމަަށެވެ. ނާޒިމް ވަނީ ވީހާވެސް ގިނަ މެންބަރުން ވޯޓުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ އިންތިހާބުގައި ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލް އަދި ޕާޓީގެ އެޑްވައިޒަރީ ކައުންސިލް އަދި ޕާޓީގެ ގޮފިތަކުގެ ގިނަ އަދަދެއްގެ އާންމު މެންބަރުން މިހާތަނަށް ވަނީ ވޯޓު ލާފައެވެ.
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ އިންތިހާބުގައި ވޯޓެއް ނެތި 180 މަގާމަކަށް މެންބަރުން ވަނީ ހޮވިފައެވެ. އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އިންތިހާބު ބާއްވަނީ ފަސް މަގާމަކަށެވެ. އެއީ ވިމެންސް ވިންގެ ލީޑަރު ހޮވުމާއި ޔޫތު ވިންގގެ ލީޑަރު ހޮވުމާއި ނޮޅިވަރަމް ދާއިރާ (އަޕާ ނޯތު ރީޖަން - ހދ) ރައީސް ހޮވުމާއި ހޮޅުދޫ ދާއިރާ (ނޯތު ރީޖަން - ނ) ނާއިބު ރައީސް ހޮވުމާއި ތުޅާދޫ ދާއިރާ (ނޯތު ރީޖަން- ބ) ރައީސް ހޮވުމެވެ.