މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެއްޖިންސުން ގުޅުން ހިންގި ކަސްޓަމްސް އޮފިސަރުންތަކެއްވެސް ސަސްޕެންޑްކޮށްފި

Aug 6, 2022

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ އޮފިސަރަކުވެސް ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ އިސް އޮފިސަރަކު އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ. އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސްގައި މަސައްކަތް ކުރައްވާ ބައެއް އޮފިސަރުން މިއަދު އަވަސްއާ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ދެ އޮފިސަރަކު ސަސްޕެންޑް ކުރީ ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގަ އެވެ. އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ކަސްޓަމްސްގެ އިތުރު އޮފިސަރުންތަކެއްގެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށްވެސް ބައެއް އޮފިސަރުން ވިދާޅުވެފައިވެ އެވެ.

އަަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެއް ސަސްޕެންޑްކޮށްފައިވާ އެ އިދާރާތަކުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދެ ޓީޗަރަކު ވެސް މިކުށުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފަ އެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެ އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ނަސީރު އެއްޖިންސުން ގުޅުން ހިންގާފައިވަނީ އަލަމްގިރިއާ އެކު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

މިހާރު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.