ރާއްޖެ ކުޅިވަރު

ޔޫތު މިނިސްޓްރީން ދަނީ ސަރުކާރުގެ ކުޅިވަރު ޕޮލިސީ މިސްޔޫސް ކުރަމުން: މަރުޒޫގް

ސަރުކާރުގެ ކުޅިވަރު ޕޮލިސީ ކިތަންމެ ރަނގަޅު ނަމަވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން ދަނީ އެ ޕޮލިސީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް މިހެން ވިދާޅުވީ އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ކުޅިވަރުތަކުގެ އަދަދު ކުއްލި ގޮތަކަށް މިނިސްޓްރީން މަދު ކުރުމާ ގުޅިގެންނެވެ.

"އެއްވެސް ފުރުސަތެއް ނުދީ މި ގޮތަށް މި ހެދީ. މިހާތަނަށް ކުރެވުނު އެއްވެސް މަޝްވަރާއަކަށް ވެސް ބެލުމެއްނެތި މިނިސްޓްރީގެ ވަކިބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމާލަނީ. މީގެ ސަބަބުން ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން މެނުވީ ގޭމްސް އަށް ނުދެވޭނެ،" ފެބްރުއަރީ 10 އިން 20 އަށް ބާއްވާ ސާކް ގައުމުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތާ ބެހޭ ގޮތުން މަރުޒޫގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ކުޅިވަރުގެ ގައުމީ މަޖިލީހުން ގޭމްސް އަށް ސަރުކާރުން ހަރަދު ކުރާނީ އަށް ޓީމަކަށް ކަމަށް ނިންމުމުން އެހެން ޓީމުތަކަށް އެއީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށާއި މިހެންވެ އެސޯސިއޭޝަންތަކުން ދަނީ އަމިއްލަ ގޮތުން ގޭމްސް އަށް ދިއުމަށް ފައިސާ ހޯދަމުން ކަމަށެވެ.

"އެކަމަކު މި މަހުގެ 10ގެ ކުރިން 75 ޕަސެންޓް ފައިސާ ދައްކަންޖެހޭ (މުބާރާތުގެ އޮގަނައިޒަރުންނަށް). ނަމަވެސް އަޅުގަނޑުމެން މިހާރު ވާނީ އެސޯސިއޭޝަންތަކަށް އަންގާފައި މި މަހުގެ 15 ވަނަ ދުވަހޭ އެންމެ ފަހު ދުވަހަކީ އެބޭފުޅުން ފައިސާ ހޯދާފައި އަޅުގަނޑުމެންނަށް އަންގަން. ގޭމްސްގެ ޗެފްޑިމިޝަން މިހާރު ވަނީ މީޓިން އަށް އިންޑިޔާ އަށް ވަޑައިގެންފައި. އެތަނުން މިކަމާ ގުޅިގެން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާނެ،" މަރުޒޫގް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް އޭނާއާ ބައްދަލުކުރި ކަމަށާއި އަދި ގޭމްސްގެ ކަންކަން ހިނގާނުހިގާ ގޮތް ބަލަން ނެގި ކޮމިޓީގައި އިންނަވާ މަޖިލީހުގެ މެމްބަރު އަބުދުﷲ ރިފާއު ވެސް އެތައް މަޝްވަރާއެއްކޮށްފައިވާ ކަމަށެވެ.

"މިހެންވެ އަޅުގަނޑު އުއްމީދު ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ މާލެ ވަޑައިގެން އެންމެ ފުރަތަމަ ވެސް މިކަންކަން ބައްލަވާ ކުޅިވަރު ކުޅުންތެރިންނަށް ރަނގަޅު ގޮތެއް ހައްދަވާ ދެއްވާނެ ކަމަށް. އެއީ ސަރުކާރުގެ ޕޮލިސީއަކީ ޒުވާނުން މާޔޫސް ކުރުމަށް ވެގެންނުވާނެ. މިނިސްޓްރީގެ ވަކި ބަޔަކު ބޭނުންވީމަ އެތައް ކުޅިވަރު ކުޅުންތެރިންނެއް އެތައް ދުވަހެއް ވަންދެން ފޮނި އުއްމީދެއްގައި މަސައްކަތްކުރަނިކޮށް އެމީހުން މާޔޫސްކޮށްނުލެވޭވެ. އެއީ ސަރުކާރުގެ ޕޮލިސީއެއްވެސްނޫން. ސަރުކާރުން ގެންގުޅޭ ކުޅިވަރު ޕޮލިސީ ވެސް ރަނގަޅު. އެއާއެކު ކުރިއަށްދާން އޮލިމްޕިކް ކޮމިޓީން މަސައްކަތް ވެސް ކުރަން. އަދިވެސް ކުރާނަން. އެކަމަކު މިނިސްޓްރީން މިކަމަށް އެއްބާރުލުމެއްނުދޭ،" މަރުޒޫގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮލިމްޕިކް ކޮމިޓީން ގޭމްސްތަކަށް ކުޅިވަރުތައް ފޮނުވަމުން އައީ ތިން ކަމަކަށް ބަލައިގެން ކަމަށެވެ. އެއީ މެޑަލް ހޯދުމާއި އަންހެނުންނަށް ހަމަހަމަފުރުސަތު ހޯދައިދިނުމާއި ޒުވާނުންނަށް ތަޖުރިބާގެ ފުރުސަތު ހޯދައިދިނުމެވެ.

"އެކަމަކު ފުރުސަތު ނުދީ ކަންކަން ނިންމާލީމަ އެއްވެސް ކަމެއް ހާސިލްނުވާނެ. އެއީ މީގެ ދެ މަސް ކުރިން ބަޖެޓް ހުށަހެޅިން މިނިސްޓްރީ އަށް. އެކަމަކު ފޮނުވީމަ އަޅުގަނޑުމެންނާ ނުބައްސާ މިނިސްޓްރީން އެސޯސިއޭޝަންތަކަށް މި އަންގަނީ ބަޖެޓް ހަދާފަ ފޮނުވަން. އަދި މިހާތަނަށް ގޭމްސް އަށް މިނިސްޓްރީން ދޭން ބުނާ ފައިސާ އެއްވެސް ލިބިފައެއްނެތް. ވާދަކުރެވޭނީ ވަގުތު ދީފައި ކަންކަންކުރީމަ،" މަރުޒޫގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އޮގަސްޓްމަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމަށް މިނިސްޓްރީން އެއްބާރުލުން ލިބުނީ އެމިނިސްޓްރީންގެ ޑެޕިއުޓީ މިނިސްޓަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ)ގެ ވަރަށް ބޮޑު އެއްބާރުމަކާއެކުގައި ކަމަށާއި ވެސް މިފަހަރު މިނިސްޓްރީން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ މިއީ ފުޓްބޯޅަ އާއި އަޅުގަނޑުމެންނާ އޮތް މައްސަލައެއްކަމެއް. ނުވަތަ މިއީ އަޅުގަނޑުމެންގެ ރައީސް (އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު)އާ އޮތް މައްސަލައެއްކަމެއް. އެނގޭ ކަމަކީ މިނިސްޓްރީގެ ވަކިބަޔަކު އެބޭފުޅުން ބޭނުންވާ ކަމެއް ހާސިލްކުރަން ސަރުކާރުގެ ޕޮލިސީ މިސްޔޫސްކުރާކަން. އެކަމަކު އެންމެ ފަހު ވަގުތަށް އަޅުގަނޑުމެން ހިތްވަރު ދޫކޮށްނުލާނަން. ކުޅިވަރުގެ 91 ވަނަ މިނިޓްގައި ވެސް ގޯލު ޖަހައިގެން މޮޅުވެފައި އެބަހުރި. އަޅުގަނޑުމެން މިދަނީ ފޮރިން މިނިސްޓްރީއާ ގުޅިގެން އިންޑިޔާ ސަރުކާރާ ވެސް ވާހަކަ ދައްކަމުން،" މަރުޒޫގް ވިދާޅުވި އެވެ.