އުމަރު ނަސީރު

އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް ދިވެހިން ދެކޭނެ: އުމަރު

Aug 7, 2022
3

އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް ދިވެހިން އަދި ދެކޭނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު ރޭ މަރާލާފައި ވަނިކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން އާންމުން ގޮވާލަމުންދާ ވަގުތެއްގަ އެވެ.

އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތް ގާއިމުކުރަންޖެހެނީ މީހުން މެރުން ފަދަ ކުށްތަކަށް ޖެހިލުމެއް ނެތި އަރައިގަތުން ހުއްޓުވުމަށް ކަމަށެވެ.

"ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް އިރާދަކުރެއްވިއްޔާ ދިވެހިން އަދި ދެކޭނެ. އެ ދުވަހަކުން މީހުން މެރުމާ، ޑްރަގާ، ވައްކަމާ، ފޭރުމާ، ރޭޕް ފަދަ ކުށްތައް މުޅިންހެން ހުއްޓިގެންދާނެ. އަމާން، އުފާވެރި ޤައުމެއް ދެކޭނެ." އުމަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާ އެކަން ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލާ ގެޒެޓް ކުރި އެވެ. އަދި ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމަށްޓަކައި ބޭނުންވާ ހާއްސަ ތަނެއްވެސް މާފުށި ޖަލުގައި ހަދަން ފެށި އެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރު އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރަން ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު އެކަން ކުރައްވާފައެއް ނުވެ އެވެ. އެކަމަކު ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހިފައި ތިބި ބައެއް މީހުން އޭރުވެސް ޖަލުގައި ތިއްބެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ދޭހަވާ ގޮތަށް މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިސަރުކާރުން އަމަލުކުރާނީ ދެވަނަ ޖުމްހޫރިއްޔާގެ ފަހުން ވެރިކަން ކުރި ސަރުކާރުތަކުން އަމަލުކުރި ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ބައި ގަރުނު ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭ ގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއް ނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި އަމަލުކުރަމުން އައި ގޮތް" އިމްރާން ވިދާޅުވި އެވެ.