ގާޒާ

ޣައްޒާ ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ

ޣައްޒާ ހަމަލާތައް މެދުކަނޑާލަން އިޒްރޭލާއި އިސްލާމިކް ޖިހާދުން އެއްބަސްވެއްޖެ އެވެ. އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު އިޒްރޭލުން މަރާލުމާ ގުޅިގެން ބަދަލުކުރަން ފެށި ހަމަލާތައް ހަފުތާއަކަށް ދިގުދެމިގެން ހިނގައިދާނެ ކަމަށް އިޒްރޭލުން ކުރިން އޮތީ ބުނެފަ އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް ހަމަލާދޭން ފެށީ ދުޝްމަނުން ނައްތާލާނެ ކަމަށް ބުނެ އެވެ. އަދި އިޒްރޭލަށް ބިރުދައްކާ ނަމަ އެ ބައެއްގެ ޒަމާން ދުއްވަލާނެ ކަމަށް ވެސް އިޒްރޭލުން ބުންނެވެ.

އެހެން ނަމަވެސް، މިސްރު މެދުވެރިވެ ކުރެވުނު މަޝްވަރާއިން ހަމަލާތައް މެދުކަނޑާލަން އިޒްރޭލުން އެހާ އަވަހަށް އެއްބަސްވީ ފަލަސްތީންގެ އިސްލާމިކް ޖިހާދުން ދޭން ފެށި ރައްދު ހަމަލާތައް އިޒްރޭލުގެ އަވަށްތަކަށް ފޯރަން ފެށުމުންނެވެ.

އިސްލާމިކް ޖިހާދުގެ ރައްދު ހަމަލާތަކުން އިޒްރޭލުން ޣައްޒާއަށް ދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ނުލިބުނު ނަމަވެސް އިޒްރޭލުގެ އުމްރާނީ ތަރައްގީއަށް ގެއްލުމެއް ލިބުމަކީ އިޒްރޭލުން އެދޭ ގޮތެއް ނޫނެވެ.

ޣައްޒާއިން އިޒްރޭލަށް ފޮނުވާ ރޮކެޓްތައް އާންމުން އުޅޭ ހިސާބުތަކަށް ވެއްޓުމަކީ އިޒްރޭލުގެ ސަރުކާރު ދެކެ އާންމުން ރުޅިއަންނަ ކަމަކަށް ވުމަކީ ވެސް އެއްބަސްވުމުން އަވަސްކުރި ސަބަބެކެވެ.

އިޒްރޭލާއި އިސްލާމިކް ޖިހާދުން ހަމަލާތައް ހުއްޓާލަން އެއްބަސްވިއިރު، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީންގެ 44 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 360 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

އިސްލާމިކް ޖިހާދުން ކުރިން ބުނި ގޮތުގައި ހަމަލާތައް ހުއްޓާލާނީ އިޒްރޭލުގެ ހައްޔަރުގައި ތިބި އެ ޖަމާއަތުގެ ބައެއް މެމްބަރުން ދޫކޮށްލުމުންނެވެ. އެހެނަ ނަމަވެސް، ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ހަނގުރާމަވެރިން ދޫކޮށްލުމުން ކަމެއް އަދި ސާފެއް ނުވެ އެވެ.