ރައީސް މުހައްމަދު ނަޝީދު

ޝިއާގެ ގާތިލުންނަށް ހައްގު އަދަބު ދޭން ޖެހޭ: ނަޝީދު

މާލޭގައި އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު މަރާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހ. ޝީރީންވިލާ ގޭގައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ.

ޝިއާއުގެ މަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަދައްކަވާފައި މިވަނީ އެ މަރާ ގުޅިގެން އެ އަމަލު ކުށްވެރިކުރައްވާ ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ބައެއް އާންމުން އެމަނިކުފާނަށް ފާޑުކިޔަމުން ދަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ޒުވާން އަންހެން ކުއްޖަކު ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމަށާއި އަނިޔާވެރި އެ އަމަލު ކުށްވެރިކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއް ކޮށް، މި އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.

ޝިއާއު އަށް ހަމަލާދީ އޭނާ މަރާލި މީހާ -- ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އެ އަމަލުގެ ކުރިއަށް އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނާ ޝިއާއު އަށް ލާއިންސާނީ ބޮޑެތި އަނިޔާ ދީފައިވާ ކަމަށާއި އެކަމަކު ޝާހިލް އަދިވެސް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށެވެ.