ހަބަރު

މިދިޔަ އަހަރު ވަޒީފާޔާ ބެހޭ މައްސަލަ އެންމެ ގިނައިން ޓޫރިޒަމުން

ވޭތުވެދިޔަ އަހަރު ތެރޭގައި ވަޒީފާއާ ބެހޭ އެންމެ ގިނަ މައްސަލަ ހުށަހެޅިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށް ޓްރައިބިއުނަލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބުނި ގޮތުގައި އެހެން އަހަރުތަކާއި އެއްފަދައިން މިދިޔަ އަހަރުވެސް އާމުކޮށް ހުށަހެޅިފައިވަނީ ވަޒީފާއިން ވަކިކުރުމާއި، އިސްލާހީ ފިޔަވަޅު އެޅުމާގުޅިގެން ހުށަހެޅުނު މައްސަލަތަކާއި، އުޖޫރައާގުޅޭ އެކި މައްސަލަތަކާއި، އަދި މީގެއިތުރުންވެސް ވަޒީފާގެ އެއްބަސްވުމާ ހިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. އެގޮތުން އެންމެ ގިނަ މައްސަލަ ހުށަހެޅުނު ޓޫރިޒަމް ދާއިރާ އިން 20 މައްސަލަ ހުށަހެޅިފައިވާ އިރު ސިވިލް ސާވިސް ދާއިރާއިން 19 މައްސަލައެއް ހުށަހެޅިފައިވެއެވެ.

މީގެ އިތުރުން ޓްރައިބިއުނަލް އިން ބުނި ގޮތުގައި އެއިދާރާ އަށް ހުށަހެޅިފައިވާ 80 މައްސަލައެއް ބަލައިނިމި އަމުރު ނެރެފައިވާއިރު ޓްރައިބިއުނަލުން ބޭރުގައި 15 މައްސަލައެއް ސުލްހަވެފައިވެއެވެ. އަދި ޓްރައިބިއުނަލުން އަލަށް ފެށި ކޮންސިލިއޭޝަން މަރުހަލާގެ ތެރެއިން ފަސް މައްސަލައެއް ނިމިފައިވާއިރު 24 މައްސަލައެއް ނުބެލޭ ކަމަށް ކަނޑައެޅު ކަމަށާއި 15 މައްސަލައެއް މައްސަލަ ހުށަހެޅިފަރާތްތަކުން އަނބުރާ ގެންދިޔައިރު 6 މައްސަލައެއް ޓްރައިބިއުނަލުން ބާތިލުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓްރައިބިއުނަލް އިން ބުނި ގޮތުގައި އެއިދާ ރާއިން ކުރި މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 80 ޕަސަންޓު މައްސަލަވަނީ އެއަހަރު ތެރޭގައި ނިމިފަ އެވެ.