ވާހަކަ

އިޙްސާސްވޭ

( 7 އޯގަސްޓް 2022 އާ ގުޅޭ )

ކަންފަތުގައި ކަނާއަތްތިލަ ޖައްސާލައިފަ ހުރިއިރު ހީވަނީ ފޯނުން މީހަކާ ވާހަކަދައްކަނީ ހެންނެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ޗާޖަށް ޖަހާފައެވެ. އެމީހަކާ ވާހަކަދައްކަމުން އޭނާ މަޑުމަޑުން ދެ ކޮޅަށް ހިނގިއެވެ. ދެން އައިސް އޭނާ ރީތިވާ މޭޒުކައިރީ ހުއްޓުނެވެ. އެ ވާހަކަދައްކާ މީހެއްގެ ގާތުގައި މަޑުކުރާން ބުންޏެވެ. އަދި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އޭނާ އެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އަތަކު އެއްވެސް އެއްޗެއް ނުވެއެވެ. އެހެންވިޔަސް އެ ނެގި އެއްޗެއް ރީތިވާ މޭޒުމަތީ ބޭއްވިއެވެ. ދެން ކަލަންޑަރުން ތާރީޚު މާޔަލް ބަލަން ފެށިއެވެ. ތަންކޮޅެއް ބާރަށް އޭނާ ހީނލިއެވެ. އެއަށްފަހު އޭނާ މޭޒުމަތީ ބޭއްވި އެއްޗަކަށް ބަލަން ފެށިއެވެ. އޭގައި އެއްޗެއް ނޯޓުކުރާން ފެށިއެވެ.

"ޕޭޝަންސް މިސްޓަރ އައިރިކް އިސާކް." މާޔަލް މިހެން ބުނެ ނިކަން ބާރަށް ހޭންފެށިއެވެ.

މާޔަލްއަށް ހޭވެރިކަމެއްވީ އޭނާއަށް މާބާރަށް ހެވޭތީއެވެ. ސިއްސައިގެން ދިޔައީ ދެނެވެ. ވަގުތުން އޭނާގެ ހުނުން ހުއްޓި މީހާއަށް ހަރުކަށިކަމެއް ވެރިވެއްޖެއެވެ. އޭނާއަށް ހުރެވުނީ ރީތިވާ މޭޒުކައިރީކަން އެނގުނެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރެއިން ފުރަތަމަ ވެސް މާޔަލްއަށް ފެނުނީ ކުރިމަތީ ހުރި ލޯގަނޑުން އަމިއްލަ ސޫރައެވެ. ޖެހިލުންވެފައި އޭނާ އަވަހަށް ލޯގަނޑު ކުރިމަތިން ދުރަށް ދިޔައެވެ. ހަލުވިކޮށް އައިސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެއާއެކު ހުދުއަލިން މުޅިތަން ހުޅުދާންވެއްޖެއެވެ. ކޮޓަރިތެރެއަށް އޭނާގެ ލޯ އުކާންފެށިއެވެ. އިންތިހާއަށް ކަންބޮޑުވެ ހާސްވެފައި ހުރެއެވެ. އެނދާ ދިމާއަށް މާޔަލްގެ ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ނިދުނީ އެނދުގައި އޮވެކަން ޔަގީންވެއެވެ. ދެން ހޭލެވުނުއިރު މިހުރެވުނީ ރީތިވާ މޭޒުކައިރީގައެވެ. މިވީ ކިހިނެއްބާއެވެ.

"ހުވަފެނެއް... ހުވަފެން ތެރެއިން އަހަރެން ތެދުވީތަ؟... ކިހިނެއް؟." ހާސްވެފައި ހުރެ މާޔަލް އަމިއްލަ ނަފްސާ ސުވާލުތައް ކުރިއެވެ. އޭނާއަށް އެނދުން ތެދުވެވުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. އެހެންވިޔަސް ފެނުނު ހުވަފެން އޭނާ ހަނދާން އެބަހުއްޓެވެ. އައިރިކްއަށް ގުޅީ ޚުދު އޭނާއެވެ. އެ އަޑު އަހާލަން ބޭނުންވެގެންނެވެ.

"އަހަންނަށް ގުޅުނީތަ ރިކްއަށް." ކުއްލިއަކަށް މާޔަލް ހަލުވިކޮށް އައީ ޗާޖަށް ޖަހާފައި އޮތް ފޯނު ބަލައެވެ. ފޯނު ނެގިގޮތަށް އޭނާ ކޯލް ލޮގް ހުޅުވާލިއެވެ. އޭނާއަށް އެންމެ ފަހުން ގުޅާފައި އޮތީ އިވާންއެވެ. އައިރިކްއާ ވާހަކަދައްކާފައި އޮތީ އޭގެ ކުރީންނެވެ. އޭނާ ނިދަން އޮށޯތުމަށްފަހު ކޯލެއް ކުރެވިފައި ނެތްކަން ޔަގީންވުމުން ކަބަޑުމަތީ ފޯނު ބޭއްވިއެވެ. އޭނާގެ ނިދި ވެސް ފިލައިފިއެވެ. ދުވަހަކުވެސް ހުވަފެނުގައި ހުރެގެން އޭނާ އެނދުން ތެދުވެފައެއް ނެތެވެ. އޭނާއަކީ ނިދީގައި ހިނގާ ކުއްޖެއް ވެސް ނޫނެވެ. އެފަދަކަމެއް ދިމާވީ އަލަށެވެ.

"ރިކް... އެއީ މިރޭ ރިކް ގުޅީމަ ފެނުނު ހުވަފެނެއްތަ. އެކަމަކު އަހަރެން... ކީއްވެ ރިކްދެކެ ލޯބިން އުޅޭންވީ. ކީއްވެ އޭނާ ވާހަކަދެއްކި އިރު އެފަދަ އިޙްސާސެއް ކުރެވެންވީ... އަހަރެމެންނަކީ ލޯބިވެރީންނެއްނޫން. ތާރީޚް... އާން! ތާރީޚެއް ނޯޓުކުރީ. އެކަމަކު ކޮންތާރީޚެއް؟. ކީއްކުރަން، ކޮންކަމަކަށް... ފޮތް! އެއީ ކޮންފޮތެއް! އެ ފޮތުގަ އަހަރެން ނޯޓުކުރީ ކޯއްޗެއް." ފެނުނު ކަންކަމާމެދު ވިސްނަން ހުރެފައި މާޔަލް ކަމެއް ހަނދާންވީ ފަދައިން ރީތިވާ މޭޒު ކައިރިއަށް އައެވެ. އޭގެ ވަތްގަނޑު ހުޅުވާލިއެވެ. ވަތްގަނޑު ތެރޭ ހުރީ ސްޓިކާނޯޓު އެޅި ދަޅެކެވެ. އެކަމަކު އޭނާއަށް ފެނުނީ އެ ވަތްގަނޑުން ފޮތެއް ނެގިތަނެވެ. ހަނދާންވާ ގޮތުގައި ވަތްގަނޑަށް ފޮތެއް ނުލާތާ ވަރަށް ދުވަސްވެއްޖެއެވެ. ދެން އެއީ ކޮންފޮތެއް ބާއެވެ. އޭނާގެ ހަނދާނަކަށް އެ ފޮތުގެ ބަނޑޭރިގަނޑު ސިފައެއް ނުކުރެވެއެވެ. އެހެންވެ ސީދާ އެއީ ކޮން ނޯޓްފޮތެއްކަން މާޔަލްއަކަށް ނޭނގެއެވެ. އެހެންވިޔަސް މާޔަލް ވަގުތުން އައިސް އަލަމާރި ހުޅުވާލިއެވެ. އޭގައި އޭނާ ބޭނުންކޮށްފައި ހުރި ނޯޓުފޮތްތައް އަޅާފައިވާ ފޮށިގަނޑު ނެރުނެވެ. ރަގުމަތީ ދެފައިވަށްކޮށްލައިގެން އިށީން ގޮތަށް ފޮށިގަނޑުގައި ބަރިބަރިއަށް ހުރި އެކިވަރުގެ ނޯޓުފަތްތައް ނަގައި ބަލަންފެށިއެވެ. އެއީ ހުސް ވެސް އޭނާ ބޭނުންކޮށްފައި ހުރި ނޯޓު ފޮތްތަކާއި ޑައިރީތަކެވެ.

"ނޯ... އިޓްސް ނޮޓް ހެލްޕިން." އިރުގަނޑެއް ފަހުން މާޔަލް ބުނެލިއެވެ. އެތައް ފޮތެއް އޭނާ ބަލައިފިއެވެ. އެތައް ތާރީޚްތަކެއް ނޯޓުކޮށްފައި އެބަހުއްޓެވެ. އެތައް މެސެޖުތަކެއް ލިޔެފައި އެބަހުއްޓެވެ. މައްސަލައަކީ އޭނާ އެ ހޯދަނީ ކޯއްޗެއްކަމެއް ޔަގީންނުވާތީއެވެ. ތާރީޚު ކަނޑައެޅިގެން ބުނާކަށް އެނގެނީއެއް ނޫނެވެ.

"މޭބީ އިޓްސް ޖަސްޓް އަނަދާ ޑްރީމް. މޭބީ ރިކް ގުޅީމަ... މިރޭ އަހަރެމެން ވާހަކަދެއްކި ގޮތުން ފެނުނު ހުވަފެނެއް ކަންނޭނގެ. ނަތިން މޯ ޓު އިޓް." މޫނުގައި ދެއަތުން މަޑުމަޑުން ފިރުމާލަމުން މާޔަލް ދެފަރާތަށް ބޯހޫރާލިއެވެ. ހުރިހާ ފޮތެއް ބެލުމުގެ ޚިޔާލު އޭނާ ދޫކޮށްލީއެވެ. ކައިރީގަ ހުރި ފޮތްތައް އަލުން ފޮށިގަނޑުގެ ތެރެއަށް އަޅާލިއެވެ.

މާޔަލް އައިސް އެނދުގައި އޮށޯތެވެ. ވިސްނުމާއި ފިކުރުތަކުގެ ތެރެއަށް އޭނާ ގެއްލިފައި އޮތެވެ. އައިރިކްއާ ބައްދަލުވީ ފަހުން އޭނާއަށް މިވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ޔަގީންވަނީ މިހުރިހާ ބަދަލެއް އައިސްގެން މިއުޅެނީ އައިރިކްގެ ކައިރިއަށް ދާންފެށި ދުވަހުން ފެށިގެން ކަމެވެ. އައިތަންގެ ފަރާތުން އައިރިކްގެ ޚަބަރު އޮޅުންފިލި ހިސާބުންނެވެ. އެކްސިޑެންޓްގެ ޚިޔާލުތައް މާޔަލްއާ ދުރަކަށް ނުދެއެވެ. އެއީ ކީއްވެ ކިހިނެއް ހިނގި އެކްސިޑެންޓެއްކަން އެނގެން އޭނާ ވެސް ބޭނުމެވެ. އެކަމުގައި އައިރިކް ޝާމިލްވުންއެއީ ހަމަ އިއްތިފާގެއްތޯ ޔަގީންކުރާން މާޔަލް ބޭނުމެވެ. އަދި އެކަމުގައި އޭނާގެ ކުށެއް އޮތްނަމަ އެކަން ވެސް ގައިމުވާން މާޔަލް އެދެއެވެ.

* * * * *

އޮފީހުން އައި ގޮތަށް މާޔަލް ކޮޓަރިން ނުނިކުންނަކަން އާމާލްއަށް ފާހަގަވިއެވެ. އިޝާ ނަމާދުކޮށްލައިގެން އޭނާ ކޮޓަރިން ނުކުތީ ރޭގަނޑުގެ ކެއުން ސުފުރާ މައްޗަށް ނަގަންވާއިރަށް ކާއެއްޗެހި ހޫނުކޮށްލާށެވެ. އޭގެ ކުރީން މާޔަލްގެ ހާލު ބަލާލަން އެ ކޮޓަރި ކައިރިއަށް އޭނާ އައެވެ. ދޮރުފަތުގައި ޓަކި ޖަހާލުމުން ވެސް ޚަބަރެއް ނުވުމުން ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ވަގުތުން ދޮރު ހުޅުވުނެވެ. މުސައްލަ މަތީ އިން މާޔަލް ފެނުމުން އާމާލް ދޮރުލައްޕާލީއެވެ. ބަދިގެއަށް އޭނާ އައިއިރު މޫނުމަތީގައިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

"މަންމަ ކަމަކުތަ؟." ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އާމާލްގެ ގާތަށް އައި މާޔަލް އަހާލިއެވެ.

"މައްޔު ނުފެންނާތީ ކޮބާތޯ ބަލާލީ. ނިދާލީތަ؟." އާމާލް ބުންޏެވެ.

"ޑޭޑް އަތުވެއްޖެތަ؟. އެބައޮތް ވާހަކައެއް ބުނަންވެފަ." މަންމައަށް އެހީތެރިވުމުގެ ގޮތުން ކާމޭޒުމަތި ތައްޔާރުކުރަމުން މާޔަލް ބުންޏެވެ.

"އަދި ނާދޭ. ވިއްސާރައެއްކަމަކު އަވަހަކަށް ނާންނާނެ." އާމާލް ބުންޏެވެ.

މަންމަގެ ވާހަކައަށް މާޔަލް ހިނިތުންވެލީއެވެ. އޭނާއަށް އަދިވެސް ވިސްނެމުންދިޔައީ މިއަދު އައިރިކް ދެއްކި ވާހަކައެވެ. ކުރި ޝަރުތުތަކެވެ. މާދަމާ ރޭ އައިރިކްއާއެކު މާޔަލް ފުރަން ޖެހޭނެއެވެ. އެމީހުންގެ އޮފީހުގެ ޙަފުލާއަށެވެ. މުޅި ދަތުރުގައި މާޔަލް ހިނދުކޮޅަކަށް ވެސް އައިރިކްއާ ދުރަށް ދިއުމުގެ ހުއްދައެއް އޭނާއަކަށް ނެތެވެ. އޭގެ އިތުރުން ހުކުރު ދުވަހުގެ ރޭ އޮންނަ ޙަފުލާގައި މާޔަލް ހުންނަން ޖެހޭނީ ރަތް ހެދުމެއްގައިކަން ވެސް އައިރިކް އޮތީ ބުނެފައެވެ. އެއީ ކީއްވެކަމެއް ވެސް މާޔަލްއަކަށް ނޭނގެއެވެ. މާޔަލްއަށް އޮތީ ހަމައެކަނި އައިރިކްގެ ޚިދުމަތުގައި އޭނާއަށް ޓަކައި ހުސްވެ ހުރުމެވެ. އޭނާގެ ކިތަންމެ ކުޑަކުޑަ ކަމެއް ވިޔަސް ކޮށްދޭން ޖެހޭނީ މާޔަލްކަން އައިރިކް އޮތީ ބުނެފައެވެ. އެހެން މީހަކު އެ ދެމެދަށް ވަދެއްޖެނަމަ އޭނާ ވަގުތުން އެނބުރި މާލެ އަންނާނެކަން ބުނީ ހަރުކަށިކަމާއެކުއެވެ. އަދި އޭނާ ހުށަހެޅި ހުރިހާ ޝަރުތަކާ މާޔަލް ދެކޮޅުނަމަ އޮފީހުގެ ޙަފުލާގައި ބައިވެރިވުމުގެ ޝައުގެއް ނެތްކަން އައިރިކް ފާޅުކުރިއެވެ. ހަމަ އެ ވާހަކަތައް އައިތަން ތަކުރާރުކުރިއެވެ. މާޔަލްގެ ގާތުން އެކަންކަމަށް އައިތަން އެދުމުން އެކަމާ މާޔަލް ހައިރާނެއް ނުވިއެވެ. އޭނާގެ ބޭބެއަށް ޓަކައި މާޔަލްގެ ދިރިއުޅުމުން ކަމެއް ގުރުބާން ކުރާން ޖެހުނަސް އެކަމާ އައިތަންގެ ފަރުވާލެއް ނުހުންނާނޭކަން އެނގެއެވެ.

"ވަރަށް ބަނޑުހައި ވެއްޖެ." ކޮޓަރިން ނުކުމެގެން އައި މަލަކްއަށް ބަދިގެ ތެރެއިން މަންމައާއި މާޔަލް ފެނި ބުންޏެވެ. އަދި އައިގޮތަށް އައިސް މާޔަލްގެ ކޮނޑުގައި އެލިގަތެވެ. އެހިނދު އައިރިކްގެ ޚިޔާލުތަކުން މާޔަލްއަށް މިންޖު ނުވެވުނަސް އޭނާގެ ސިކުނޑީގެ ކަނަކަށް އެ ޚިޔާލުތައް ކޮއްޕާލައިފިއެވެ.

"ބައްޕައަށް ގުޅާބަލަ. ތަންކޮޅެއް ލަސްވެއްޖެ މިރޭ." އާވި އަރައަރާ ހުރި ބޯތަށި ގެނެސް މޭޒުމަތީ ބަހައްޓަމުން އާމާލް ބުންޏެވެ.

"މި ކުޑޫ ބިޒީކަމުން ނުވެސް ފެނޭ. ދުވަސްކޮޅަކުން އެޕޮއިންމެންޓެއް ހައްދައިގެން ކަންނޭނގެ މީޓުވާނީ." ކާމޭޒުދޮށުގައި އިށީން ގޮތަށް މަލަކް ބުންޏެވެ. އޭރު އޭނާ ފޯނު ނަގައިގެން އިނދެ ބައްޕަގެ ނަންބަރަށް ގުޅަނީއެވެ.

ސުފުރާ ދޮށުގައި އެންމެން ހަމަވެ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. މަންމައާއި ބައްޕައަށް ބަލާލާފައި މާޔަލް ވާހަކަ ފެށިއެވެ. އޮފީހުގެ ޙަފުލާއެއްގައި އޭނާ ރަށުން ބޭރަށް ދާންޖެހިފައި އޮތްކަން ހާމަކުރިއެވެ. މަޒްހަރާއި އާމާލްގެ މޫނުން ހާސްކަން ފާޅުވިއެވެ. އެހެންވިޔަސް އެމީހުން މާޔަލް ކައިރީ ނުދާށޭ ނުބުނެއެވެ. އޮފީހެއްގައި އުޅޭއިރު އެ އޮފީހަކުން ބާއްވާ ކަންކަމުގައި ބައިވެރިވާން ވެސް ޖެހޭނެކަން އާމާލްއާއި މަޒްހަރު ޤަބޫލުކުރެއެވެ. އެމީހުން ހާސްވަނީ މާޔަލްގެ ސިއްޙަތާ މެދުއެވެ. ދަރިފުޅަށް ކަމެއްވެދާނެކަމުގެ ބިރަކީ އެމީހުންގެ ހިތުން ފިލުވާލެވޭނެ ބިރެއް ނޫނެވެ.

"ވާއޮ!... މަޖާވާނެ." މާޔަލްގެ ވާހަކަ އަޑު އަހަން އިނދެފައި މަލަކް ބުންޏެވެ. ކޮއްކޮގެ މިޒާޖު އެނގޭތީ މާޔަލް ހިނިތުންވެލިއެވެ. ދަތުރުދިއުމާއި ރީތި ހެދުން އަޅައިގެން ބައިވެރިވާ ޙަފުލާތަކަށް ދިއުމާއި އެކުވެރީންނާއެކީ ކޮފީތަކުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ މަލަކް އުފާވާ ކަންކަންވިއްޔާއެވެ.

"ރޭގަނޑު ފުރާއިރު... ބައްޕަ ދާނީ މައްޔު ގޮވައިގެން. އެންމެ ރަނގަޅުތަ." ވިސްނަން އިނދެފައި މަޒްހަރު ބުންޏެވެ. މާޔަލް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީހަށް ދާން މާޔަލް ނުކުންނަނީ މަޒްހަރަށްވުރެ ކުރީންނެވެ. ކޮފީ ބޯން ސޯފާގައި އިން އާމާލް ގޮވާލީ މާޔަލް ނުކުންނަން އުޅުމުންނެވެ.

"އިވާން ކައިރީ ބުނިންތަ؟. މިހާރު އޭނާ ކައިރީ ވެސް ބުނަންވާނެ. އެއީ ރަނގަޅު ގޮތަކީ." އޮފީހަކަށް މާޔަލް ވަންފަހުން އިވާންއާ ކަންކަން ޚިއްޞާނުކުރެޔޭ ހީވާތީ އާމަލް ބުންޏެވެ. އޭނާގެ ގަސްދަކަށްވީ އިވާންއާއި މާޔަލްއާ ދެމެދު އޮޅުން އަރާނޭ ފަދަ ކަމެއް ދިމާނުވުމެވެ. ކައިވެނި ހަމަޖެހިފައި އޮތްއިރު ދެ ކުދީން އެކަކުއަނެކަކަށް ކަންކަން ސިއްރުކުރުމަކީ އޭގެ އަސަރު ދެމެދުގައި އޮތް ގުޅުން ހީނަރުކުރާނޭކަމެއްކަން އެނގޭތީއެވެ.

"ދަނީ މަންމާ." މާޔަލް ބުންޏެވެ. އަދި އޭނާ ނުކުތެވެ.

އާމާލްގެ ވާހަކައަށް މާޔަލް އެއްޗެކޭ ނުބުނީ އިވާން ކައިރީ އެ ވާހަކަ ނުދައްކާ އޮތީމައެވެ. މަންމަ ބުނީ ރަނގަޅު ވާހަކައެއްކަން މާޔަލް ވެސް ޤަބޫލުކުރެއެވެ. އިވާންއަކީ ވެސް އޮފީހެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. އޮފީހުގެ ކަންކަމުގައި އޭނާ ބައިވެރިވާލެއް މަދެއްނޫނެވެ. އޭނާއާއެކު ބައިވެރިވުމަށް މާޔަލްއަށް ދަޢުވަތު ދޭލެއް ވެސް މަދެއްނޫނެވެ. އެކަމަކު ކޮންމެ ފަހަރަކު މަނާކުރަނީ މާޔަލްއެވެ. އޭނާ އެއްފަހަރު އިވާންއަށް އެފަދަ ކަމެއްގައި ބައިވެރިވުން މަނާކޮށްފައެއް ނުވާނެއެވެ. އިވާން އޭނާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. އޭނާ ވެސް ބައިވެރިވަނީ އޮފީހުން ރާވާފައި އޮތް ކަމެއްގައެވެ. އެކަމުގައި ގޯހެއް ނެތެވެ. ވީއިރު މަންމަ ބުނިހެން އިވާން ކައިރީ ބުނެލުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭރުން އޭނާ ދިޔައީ ނުބުނެއޭ ބުނެވޭކަށް ނޯންނާނެއެވެ. އިތުރު މައްސަލަތަކެއް އުފައްދާނޭ ފުރުޞަތެއް އިވާނަށް ނުލިބޭނެއެވެ.

އައިތަންއާއެކު ކާރުގައި އިންއިރު މާޔަލް ފޯނުން މެސެޖު ކުރަމުން ދިޔައީ އިވާންއަށެވެ. އޭނާ އޮފީހުން ހަމަޖެހިފައި އޮތް ދަތުރުގެ ހުރިހާކަމެއް އޮޅުންފިލާނެހާ ތަފްސީލުކޮށް މެސެޖުގައި ލިޔުނެވެ. އެ މެސެޖު މާޔަލް ފޮނުވާލިތާ މިނެޓެއްނުވެއެވެ. އިވާން ގުޅައިފިއެވެ.

"ލަންޗް ބްރޭކްގަ ގުޅާނަން." ފޯނުކޯލު ކަނޑާލައިފިނަމަ އިވާން ތަކުރާރުކޮށް މެސެޖުކޮށް ގުޅާ ހަދާފާނޭކަން އެނގޭތީ މާޔަލް ކޯލަށް ޖަވާބުދިނެވެ. ނަސީބަކުން އޭނާގެ ބަސް އިވާން ޤަބޫލުކޮށް ކޯލު ކަނޑާލިއެވެ.

* * * * *

ހަވީރުގެ އެންމެ ފަހު ދަޅަމައްޗެވެ. ވާރޭ މިވަގުތު ނުވެހުނަސް ވިއްސާރަކަމުން ދުނިޔެ މަތީ އޮތީ އަނދިރިކޮށެވެ. މާ އަވަހަށް އިރުއޮއްސިއްޖެ ކަހަލައެވެ. އިވާން ހުރީ މާޔަލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިމާރާތުގެ ބޭރުގައި ދުވާރުމަތީއެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. މާޔަލްއާ ކުރާން ބޭނުންވާ އެތައް ސުވާލެއް އެ ހިތާއި ސިކުނޑީގައި ފުނިޖެހިފައި ވިއެވެ. ހުސް ވެސް ޝަކުވާއެވެ. ރުޅި ނައިސް މާޔަލްއާ ކުރިމަތިލެވިދާނެބާއޭ އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

"އެހާބޮޑު ދޮގެއް ހަދަންވީ ކީއްވެ؟. ކޮންމެ ދުވަހަކު ކޮންތާކަށް ތިދަނީ؟. އެންމެންނަށް އޮޅުވާލީ... މައްޔުގެ ފެމެލީއަށް ވެސް. މުޅި ދުވަހު މައްޔު ކީއްކުރަނީ؟. ކޮންތާކު އެ ހުރިހާ ވަގުތެއް ތި ހޭދަކުރަނީ. ކީއްވެ އަހަރެން ކައިރީ ނުބުނެވެންވީ." ނިތްކުރީގައި ހިންގާލި އަތްތިލަ އިސްތަށިގަނޑު ތެރެއަށް އިވާންއަށް މަހާލެވުނެވެ. ބޮލުގައި އޭނާއަށް ހިފަހައްޓާލެވުނެވެ. ކެތްތެރިކަމެއް ނެތް ގޮތަކަށް އަތުކުރީ އޮތް ގަޑިއަށް އޭނާއަށް ބަލާލެވެއެވެ.

ކަޅުކުލައިގެ ކާރެއް އިމާރާތާ ކައިރިކޮށްލަން އުޅެފައި ވެސް މަޑުނުކޮށް ދިޔަތަން އިވާން ދުށްޓެވެ. އެ ކާރަށް ސަމާލުކަމެއް ނުދީ މަގުގެ ދެކޮޅު އަނެއްކާ ވެސް އިވާން ބަލާލިއެވެ. ގިނައިރެއްނުވެ އިވާންގެ ލޮލުގައި ކަންމައްޗަކުން އެ މަގަށް ނުކުތް މާޔަލް އަޅައިގެންފިއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ.

"ކީއްވެ މަގުމަތީގަ އެހުރީ. ނަސީބެއްނު އަހަންނަށް ފެނުނުކަން." ހިނގަމުން އައި މާޔަލްގެ ހިތުގައި ވިއެވެ.

މެންދުރު މާޔަލް ބުނިހެން އިވާނަށް ގުޅިއެވެ. ފުރަން ދާނީ ބައްޕައާއެކީކަން ވެސް މާޔަލް ބުންޏެވެ. އިވާން އެދުނީ ފުރުމުގެ ކުރީން އެގެއަށް މާޔަލްއާ ބައްދަލުކޮށްލަން އޭނާ އައުމުގެ ހުއްދައަކަށެވެ. އެކަމަށް މާޔަލް އެއްބަސްވިއެވެ. އެ ފޯނުކޯލު ނިމުނީ ނުހަނު އާދައިގެ ކޮށެވެ. އެކަމަކު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އިވާން އަނެއްކާ ވެސް މާޔަލްއަށް ގުޅިއެވެ. އެ ކޯލު ނުނެގުމުން އިވާން ހުރީ ހިތްހަމަނުޖެހިފައިކަން އޭނާ ފޮނުވި މެސެޖުން މާޔަލްއަށް ދޭހަވިއެވެ. އަދި ރޭގަނޑުގެ ބަދަލުގައި މާޔަލް އޮފީހުން އަންނަންވާއިރަށް އެގެއަށް މާޔަލްއާ ބައްދަލުކުރާން އަންނާނޭކަން ވެސް ބުންޏެވެ.

"ކޮންތާކުން ތިއައީ؟." މާޔަލް އަރާ ހަމަވުމާއެކު އިވާން ސުވާލުކުރިއެވެ. އެ އަޑުގައި ހަރުކަށިކަންވީއިރު އިވާންގެ މޫނުން ވެސް ފާޅުވަނީ ނުރުހުމުގެ އަސަރެވެ.

"އޮފީހުން." މާޔަލް ހައިރާންވިއެއް ކަމަކު ޖަވާބުދިނެވެ. އަދި އޭނާ ހިނގައިގަތީ އިމާރާތުގެ ތެރެއަށް ވަންނާށެވެ. އޭނާގެ ފަހަތުން އިވާން އައިސް މާޔަލްގެ އަތުގައި ހިފިއެވެ.

"ކޮންތާކު ހުރި އޮފީހެއް؟." އިވާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ކިހިނެއްވެގެންތަ އިވާން ތިއުޅެނީ؟. މިހާރު ކޮންކަމެއް މަށަށް ކުރެވުނީ. އިވާން ކައިރީ ނުބުނެއެއް ނޫން ދާން މިއުޅެނީ." މާޔަލްގެ ދެބުމަ ގޮށްޖެހުނެވެ. އިވާންގެ އަތުން އޭނާގެ އަތް ފޮޅުވައިލިއެވެ. ހަރުކޮށް ހިނގާފައި އައިސް ލިފްޓަށް އަރަން ފިތަށް އޮބާލައިފިއެވެ.

"ތިބުނާ އޮފީހެއްގަ މައްޔު އުޅޭކަން ދެނަހުރީ ކާކު؟ ދޮގު ނުހަދާ ތެދަށް ބުނެބަލަ. އަހަންނަށް އެނގިގެންނޭ މިސުވާލުކުރަނީ. އަހަރެން އޮފީހަށް ގުޅީމަ ބުނީ އެތާގައި މާޔަލް ކިޔާ ކުއްޖަކު ނޫޅެޔޭ. ތަކުރާރުކޮށް މައްޔުގެ ވާހަކަ ކިޔާދިނީމާ ވެސް އެމީހުން ބުނީ އެތާކު މަސައްކަތެއް ނުކުރެޔޭ މާޔަލްއެއް." ލިފްޓު ކައިރީ ފާރުގައި އިވާން ޖެހިއެވެ. ނަމަވެސް މިފަހަރު މާޔަލް ނުސިހުނެވެ.

"އަހަރެންނަށް ފާރަލާންފެށީތަ." ދަތްކުނޑިވިކާލައިގެން ހުރެ މާޔަލް އަހާލިއެވެ.

ކުއްލިއަކަށް އިވާންގެ މޫނުގައިވި ރުޅިވެރިކަމުގެ އަސަރުތައް ބަދަލުވިތަން މާޔަލް ދުށްޓެވެ. ޚުދު އިވާންއަށް އޭނާ ކުރި ކަންތައް އެނގެއެވެ. އަދި އެއީ ކޮންގަސްދެއްގައި ކުރިކަމެއްކަން ވެސް އެނގެއެވެ. މާޔަލް ބުނިހެން އެއީ ފާރަލުމެވެ. މާޔަލްގެ ބަހަށް އިތުބާރު ނުކުރުމެވެ. މާޔަލް މަސައްކަތްކުރާ އޮފީހަށް އޭނާ ގުޅީ ހިތުގައި އޮތް ބޮޑު ވަހުމެއްގެ ސަބަބުންނެވެ.

"ކައިވެނީގެ ކުރީން އިވާންއާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއްނޫން. ދޭ ގެއަށް." މާޔަލް ބުނެލިއެވެ. އޭރު އޭނާ ވެސް އެ ހުރީ ރުޅިއައިސްފަކަން އިވާނަށް އެނގެއެވެ.

މާޔަލްގެ އަޑެއް އިވާން ނޭހިއެވެ. މާޔަލްއާއެކީ ލިފްޓުން އެރިއެވެ. އަދި މާޔަލް ގެއަށް ވަން ވަގުތު އޭނާގެ ފަހަތުން އިވާން އެގެއަށް ވެސް ވަނީއެވެ. ޢާއިލާގެ ކުރިމަތީ މާޔަލްއަށް އެ ރުޅިވެރިކަން ދައްކާކަށް ނުކެރޭނެކަން އިވާނަށް އެނގެއެވެ. މާޔަލް ކޮޓަރިއަށް ގޮސްފައި އެނބުރި އައެވެ. އަދި އަތުގައި އޮތް ކަރުދާން އިވާންއާ ދިމާއަށް ހޫރާލިއެވެ. އެވަގުތު ސިޓިންރޫމު ސޯފާގައި އިވާންއާއެކު މަލަކް ވެސް އިނެވެ. މާޔަލްގެ މި ޢަމަލުން މަލަކް ވެސް ހައިރާންވެ ބަލަން އިނީއެވެ. މާޔަލް މަޑެއް ނުކުރިއެވެ. އޭނާ އެނބުރި ގޮސް އަނެއްކާ ވެސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. (ނުނިމޭ)